ކޯވިޑް-19

ކޯވިޑް-19 : ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 12،000 އިން މައްޗަށް


ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވި މީހުންގެ ޢަދަދު 12،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

އިއްޔެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 20 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް އެއެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 21 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 13،070 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 33 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 12،001 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް ފެނުނުތާ 271 ދުވަސްވެފައި ވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 47 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ. އެއީ 39 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1،015 އަށް އަރާފައިވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 91 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހު ރާއްޖޭން 1،352 މީހަކަށްވަނީ ކޯވިޑް-19 ޖެހިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،862 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް ރިޕީޑެޓް ސާމްޕަލްތައް ހިމެނޭހެން ޖުމްލަ 248،153 ސާމްޕަލެއް ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ވަނީ ނަގާފައެވެ.