ޚަބަރު

ޙާލުގައި ޖެހުނު ލަންކާގެ 2 މަސްބޯޓަކަށް އެހީތެރިކަން ފޯރުކޮށްދީފި


ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ 2 މަސްބޯޑަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއީ ޠޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ޙާލުގައި ޖެހުނު 2 މަސްބޯޓެވެ. ޙާލުގައި ޖެހިފައިވާ 2 ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރުގައެވެ.

މި ފެނުނު ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި 05 ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ބޯޓުގައި 06 ފަޅުވެރިން ތިއްބެވެ. މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް ވަނީ ވައްދާފައެވެ. އަދި މި ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ.