ސިޔާސީ

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލީ ރައީސް އަވަހާރަކޮށްލަން


ރިޔާސީ ލޯންޗުކޮޅުގައި
އެއްޗެއް ގޮވާ ހިނގި ޙާދިސާއަކީ، ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން
އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއް ކަމަށް ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުން
ހާމަކުރައްވައިފިއެވެ.



ޕަބްލިކް ސަރވިސް މީޑިޔާ،
ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ތަރުޖަމާން
އިބްރާޙީމް މުއާޒް އަލީ ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ
ލޯންޗުކޮޅުގައި ހިނގި ޙާދިސާއަކީ ލޯންޗުގެ އިންޖީނަކަށް ކަމެއް ދިމާވެގެން ނުވަތަ
އެނޫންވެސް އެކްސިޑެންޓަކުން ހިނގި ކަމެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެއީ ގަސްތުގައި
ބަޔަކު ރާވައިގެން ރައީސުލްޖުމްޙޫރިއްޔާ އަވަހާރަކޮށްލަން ދިން ޙަމަލާއެއް ކަމަށް
މިޙާދިސާ ތަޙުޤީޤްކުރުމުގައި ހަރަކާތްތެރިވި ބޭރުގެ ތަޖުރިބާކާރުން އިއްތިފާޤުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުހުންހުރި ކަމަށް ބެލެވޭ ދެމީހަކު މިހާރު
ހައްޔަރުކޮށްފައިވާ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ. އެހެންނަމަވެސް، އެމީހުންގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. 

މީގެ އިތުރުން ރައީސް އޮފީހުގައި ރޭ ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ލޯންޗު ކޮޅުގައި
އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާ ދައްކުވައިދޭ ކުރިން ޢާންމުކޮށްފައި
ނުވާ ވީޑިއޯ ވަނީ  ޢާންމު ކޮށްފައެވެ. މިވީޑިއޯ
ކްލިޕުން ފެންނަނީ، ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރައީސުލް ޖުމްހޫރިއްޔާގެ
ދެކަނބަލުން މާލެ ވަޑައިގެންނެވި ލޯންޗްކޮޅު އިއްޒުއްދީން ފާލަމަށް ގާތްކުރަމުން
ދަނިކޮށް ލޯންޗުކޮޅުގެ ފަހަތުކޮޅުން އެއްޗެއް ގޮވި މަންޒަރެވެ. އެވަގުތު އެއްޗެއް
ގޮވި އަޑުފައްގަނޑު އިވިގެން ދެއެވެ.



ރިޔާސީ ލޯންޗުކޮޅުގައި
އެއްޗެއް ގޮވާ ހިނގި ޙާދިސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިހާރުވެސް ގެންދަވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން މިހާދިސާގައި، އިތުރު ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބަފައިވެއެވެ.