ވިޔަފާރި

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ޖެޓުތަކުގެ އަދަދު 59 އިންސައްތަ އިތުރުވެއްޖެ


ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލިފަހުން ފަތުރުވެރިންނާއެކު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް މިދިޔަމަހު ޖެއްސި ޕްރައިވެޓު ޖެޓުތަކުގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 59 އިންސައްތަ އިތުރުވެއްޖެއެވެ.

މިދިޔަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި އެ އެއަރޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު މަހަކަށްވުރެ މަހެއް ދަނީ އިތުރުވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން ޖުލައިމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 11 ޕްރައިވެޓު ޖެޓް ކަމަށެވެ. އަދި އޮގަސްޓުމަހު 14 ޕްރައިވެޓު ޖެޓު ޖައްސާފައިވާއިރު، ސެޕްޓެމްބަރުމަހު މާފަރު އެއަރޕޯޓަށް ޖައްސާފައިވަނީ 13 ޕްރައިވެޓު ޖެޓެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮކްޓޯބަރުމަހު 41 ޕްރައިވެޓް ޖެޓު ޖައްސާފައިވާއިރު، ނޮވެމްބަރުމަހު އެ އެއަރޕޯޓަށް 65 ޕްރައިވެޓު ޖެޓު ޖައްސާފައިވެއެވެ. މިއީ 59 އިންސައްތަ އިތުރު އަދަދެކެވެ.

މުމްތާޒް ވިދާޅުވީ މިމަހުގެ މިހާތަނަށްވެސް 18 ޕްރައިވެޓް ޖެޓު އެއަރޕޯޓަށް ޖައްސާފައިވާކަމަށާއި، މިމަހު 100 އެއްހާ ޕްރައިވެޓް ޖެޓު ޖައްސާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅެކެވެ. އަދި ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައްވެސް ރާއްޖެއަށް އާދެއެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވިގެން ދިޔުމުން ނ.އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓަކަށް ޖެޓްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ވަނީ ފަސޭހަތެކެއް ލިބިގެންގޮސްފައެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.

މާފަރު އާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 2200 މީޓަރެވެ. ވިލާގުރޫޕުން ހަދާފައިވާ މާމިގިލީ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1800 މީޓަރެވެ. ރާއްޖޭގައި އެންމެ ދިގުރަންވޭ އެއް އޮންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.

މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.