ޚަބަރު

ކޯވިޑް-19 : ގުޅުން ނެތް ކޭސްތަކުގެ ޢަދަދު ދަށަށް


އެއްވެސް ކްލަސްޓަރއަކާއި ގުޅުން ނެތް ކޯވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގައި ކޯވިޑް19ގެ ކޭސްތަކުގެ އަދަދު އެންމެ މައްޗަށް ގޮސްފައިވަނީ އޮގްސްޓްމަހުގެ ތެރޭގައެވެ. އެވަރެޖްކޮށް 150 އިން މަތީގައި ކޭސްތައް އުޅުނުއިރު، 200 އިން މަތީގައިވެސް ދުވާލަކަށް ފެންނަމުންދިޔަ ކޭސްތަކުގެ އަދަދު ހުއްޓެވެ.

ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަށްވީ އެއް ކޭސް އަނެއް ކޭސްއާއި ގުޅުން ނެތް، ކޯވިޑް19ގެ ގިނަ ކޭސްތަކެއް ފެންނަމުންދިއުމެވެ. މި އަދަދުތަކުން ފެނުނީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފާ މިންވަރާއި، ދެނެނުގަނެވޭ ގިނަ ކޭސްތައް ހުންނާނެކަންކަމަށް ޑޮކްޓަރުން އަންދާޒާ ކުރިއެވެ.

ގުޅުމެއް ނެތް ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ މާލެއިން ބަލި ފެނުނުތާ 9 ވަނަ ހަފްތާގައެވެ. ޖޫންމަހުގެ މެދުތެރޭގެ އެ ހަފްތާގައި އެއް ކޭސް އަނެއް ކޭސްއާއި ގުޅުމެއް ނެތް 51 ކޭސް ވަނީ ދެނެގަނެވިފައެވެ. ގުޅުމެއް ނެތް ކޭސްތައް ދެން އެންމެ ގިނައީ އޮގަސްޓްމަހުގެ ފުރަތަމަ ހަފްތާގައެވެ. އެ ހަފްތާގައި ގުޅުމެއް ނެތް 50 ކޭސް ދެނެގަނެވިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ބަލީގެ ނުރައްކާ މިންވަރު 4 ލެވެލްއަކުން ބަލަމުން އަންނައިރު، މި އަދަދުތަކަކީ ރާއްޖެއަށް ބަލީގެ ނުރައްކާ އެންމެ ބޮޑު ރެޑް އެލަރޓްގެ ހާލަތުކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވެއެވެ.

ގުޅުން ނެތް ގިނަ ކޭސްތަކެއް ދެނެގަނެވެން ފެށީ، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގަން ފެށުމުންނެވެ.

މާސްކްއެޅުން މަޖުބޫރުކޮށް އިތުރު ފިޔަވަޅުތަކާއިއެކު، ކޯވިޑް19ގެ ކޭސްތަކުގެ އަދަދު މަދުވާން ފެށީ އޮގްސްޓްމަހު ފަހުކޮޅުއެވެ. އެއަށްފަހު ގުޅުން ނެތް ކޭސްތަކުގެ އަދަދު ނޮވެމްބަރުމަހާއި ޖެހެންދެން ހުރީ ހަފްތާއަކު 30 ކޭހުން ދަށުގައެވެ.

މިއަދަދު މިދިޔަ ނޮވެމްބަރުމަހުގެ މެދުތެރެއިން ފެށިގެން އަނެއްކާވެސް މިވަނީ ދަށްވާން ފަށާފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގުޅުން ނެތް ކޭސްތަކުގެ އަދަދު މިހާރު ހުރީ އެލަރޓް ވައިޓްގައި، ނުވަތަ ނުރައްކާ އެންމެ ދަށް ލެވެލްގައެވެ.

ގުޅުން ނެތް ކޭސްތަކުގެ އަދަދު ވޭތުވެދިޔަ ދެ ހަފްތާގައިވެސް ހުރީ 20 ކޭސްއިން ދަށުގައެވެ. މި އަދަދަކީ ޖޫން ފުރަތަމަ ހަފްތާގެ ފަހުން މި އަދަދު އެންމެ ދަށަށް ދިޔަ ފަހަރެވެ. އަދަދުތަކުން ފެންނަމުންދާ ބަދަލުތަކަކީ ގުޅުންނެތް ކޭސްތަކުގެ އަދަދު މަދުވެ، ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ލިބެމުންދިޔަ ކުރިއެރުމެކެވެ.

ކޯވިޑް ބަލި ރާއްޖޭގައި ފެތުރެންފެށީ އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ފެނުނު ކޯވިޑް19ގެ ކޭސްއާއިއެކުއެވެ. އެގޮތުން އެންމެ ގިނަ ކޭސްތައް ފެންނަމުން ދަނީ މާލެއިންނެވެ. ރާއްޖޭގައި ކޯވިޑް19 ޖެހުނު މީހުންގެ އަދަދު 13000 އިން މައްޗަށް ވަނީ އަރާފައެވެ. މިހާތަނަށް އައިއިރު އަތޮޅުތަކުންވެސް ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ބަލީގެ ޙާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބެލުމަށްފަހު އެޗްޕީއޭއިން ދަނީ ބައްޔާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންނެވެ.