ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓްތަކުގެ ޢަދަދަށް ބަދަލެއް ނާދޭ


ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑެތި އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހިމެނެއެވެ. ފޯރުންތެރިކަން ކުޑަ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ އެފަދަ ޢައިލާތަކަށް ހެޔޮ އަގުގައި އެކަށީގެންވާ ބޯހިޔާވަހިކަން ނުލިބޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އެފަދަ މީހުންނަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ ބައެކެވެ. އަދި މިފަދަ ބައެއް މީހުންނަކީ އެހެން މީހުންގެ އެތެރިކަމާއެކު ނޫނީ ދިރިއުޅެންވެސް ދަތި ބައެކެވެ. އެމީހުން ބެލުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ފަހަރުވެސް އާދެއެވެ. ބައެއްފަހަރު އެޚަރަދުތައް ކުރަން މިޖެހެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން މަސައްކަތްކޮށްގެންނެވެ. މިފަދަ ޙާލަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހާ ބަލަހައްޓަން އަގުދީފައި މީހަކު ބަހައްޓަން ޖެހެއެވެ. މާލޭގައި ދިރިއުޅޭ މިފަދަ ގިނަ ޢާއިލާތަކަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ލިބޭ އެޗަކުން ގެއަށް ކުލި ދެއްކުމަށްފަހު އިތުރު ކަމަކަށް ޚަރދަުކުރުމަށް ފައިސާ ނެތުމެވެ.

އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ވަކިން ބޮޑެވެ. ރާއްޖޭގައި ޢިމާރާތްކުރާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ތެރެއިން އެމީހުންނަށް ބައެއް ޚާއްސަކުރުމަށް ސަރުކާރުން ނިންމެވީވެސް މިސަބަބާހުރެއެވެ.

އެހެންނަމަވެސް މިއަދާ ހަމަޔަށް އައިރުވެސް މިކަމަށް ދާއިމީ ހައްލެއް ލިބިފައެއް ނެތެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލާ ސްކީމުތަކުގެތެރެއިންވެސް ބޭއިންސާފުން ކަންކަން ކުރަމުންދާ ވާހަކަ އަޑުއިވެއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ހިތްދަތިކަމެކެވެ.

"ހިޔާ" މަޝްރޫއުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް ހިމެނެއެވެ. ނަމަވެސް ފްލެޓްތައް ދިނުމުގައި ކުރީގެ ސަރުކާރުން، ބޭއިންސާފުން އަމުލުކޮށްފައިވާކަމުގެ އެކިއެކި ތުހުމަތުތައް ކުރެވެއެވެ. މި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަޓަކައި މިހާރުގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމީޓީއެއް އެކުލަވާލައްވައި ފެލްޓް ދިނުމުގައި ބަލާފައިވާ ކަންކަން މުރާޖަޢާކޮށް އަލުން އެމަސައްކަތް ފަށާފައެވެ. މިސަރުކާރުގެ އަމާޒަކަށް ވެފައިވަނީ އިންސާފުވެރިކަމާއެކު ފްލެޓްތަކުގެ ޙައްޤުވެރިންނަށް ފްލެޓްތައް ދިނުމެވެ. އަދި އެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

އަނެއްކާވެސް މިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކޮށްފައިވާ ބައިން ފްލެޓްތަކެއް މަދުކުރިކަމުގެ އަޑުތަކެއް ފެތުރިފައެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ބައެއް ފަރާތްތަކުން ހިޔާ މަޝްރޫއުގައި ނުކުޅެދުންތެރިން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީގެ 500 ފްލެޓް މަދުކޮށްފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި ފްލެޓް ތަކުގެ މައްސަލަތައް ބަލާ ކޮމިޓީގެ މެމްބަރު އަލްއުސްތާޛް ޠާހާ މުޙައްމަދު ވިދާޅުވީ ފްލެޓުތަކުގެ ޢަދަދު މަދުކޮށްފައި ނުވާނެކަމަށެވެ. ޠާހާ ވިދާޅުވީ ކުރީ ސަރުކާރުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް ހުށައަޅާފައިވަނީ 200 ފްލެޓް ކަމަށާއި މިހާރުވެސް އެ ޢަދަދު އެގޮތަށް އޮތްކަމަށެވެ. އަދި އުނިކުރިކަމަށް ބުނަމުންދާ 500 ހައުސިން ޔުނިޓަކީ 4 ނޮވްމެބަރު 2018ވަނަ އަހަރުގައި ލިސްޓް 2ގެ ނަމުގައި 4 ކެޓަގަރީއެއް ހިމަނައިގެން ނެރެފައިވާ ލިސްޓްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައިވާ އަދަދެއްކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ޚާއްސަ ކެޓަގަރީގައި ފްލެޓްތަކަށް ބަދަލެއް ގެނެސްފައިނުވާނެ. ކުރިންވެސް އޮތްގޮތަށް އޮތީ." ފްލެޓް ތަކުގެ މައްސަލަތައް ބަލާ ކޮމިޓީގެ މެމްބަރު އަލްއުސްތާޛް ޠާހާ މުޙައްމަދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގައި ހިމެނޭ , H10 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓް މިދިޔަ އޯގަސްޓް މަހު ވަނީ އާއްމުކޮށްފައެވެ. އަދި އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހާ ހަމަޔަށް ހުޅުވާލިއެވެ. ފްލެޓް ކޮމިޓީން މިހާރު އަންނަނީ އެ ޝަކުވާތައް ބަލައި ނުކުޅެދުންތެރިކަން ހުރި މީހުންގެ ދާއިމީ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފްލެޓް ކޮމިޓީން ވަނީ މިހާރު އިޢުލާންކޮށްފައިވާ ލިސްޓް ފައިނަލްކުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވިދާޅުވީ ނުކެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ފެލްޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ފޯމް ހުށަހަޅާ ތާރީޚުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްގެ ގޮތުގައި ބަލަމުންދާ މީހަކަށް ވާންޖެހޭކަމަށެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބެލުމުގައި އެންމެ މުހިންމުކަމެއް ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްކަމަށެވެ. އެގޮތުން އެފަދަ މީހުންގެ ތެރެއިން އަމިއްލައަށް ކަންތައްތައް ކުރެވޭތޯ ނުވަތަ މީހެއްގެ އެހީ ބޭނުންވޭތޯ ބަލާފައިވާކަން އެ ކޮމެޓީން ފާހަގަކުރައްވާފައިވެއެވެ.