ދުނިޔެ

ފައިޒާ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދިން ދެވަނަ ޤައުމަކަށް ކެނެޑާ


ފައިޒާ އާއި ބަޔޯއެންޓެކު ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިނަށް ޙުއްދަދިން ދެވަނަ ޤައުމަށް ކެނެޑާވެއްޖެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ވެކްސިން ބޭނުންކުރުމުގެ ޙުއްދަދީ، މިމަހުގެ 8 ވަނަ ދުވަހު އިނގިރޭސިވިލާތުންވަނީ އެޤައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށައިފައެވެ. ކެނެޑާއިން ފައިޒާގެ ވެކްސިނަށް ޙުއްދަދީފައިވަނީ އިނގިރޭސިވިލާތުގައި އެ ވެކްސިން ބޭނުންކުރަން ފެށިތާ އެއް ދުވަސް ފަހުންނެވެ.

ހެލްތު ކެނެޑާއިން ބުނީ ވެކްސިނަށް ޙުއްދަދިނުމަކީ އެ ޤައުމުން ބަލިމަޑުކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ތާރީޚީ ކުރިއެރުމެއްކަމަށެވެ. ވެކްސިންގައި ހުންނަން ޖެހޭނެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ފެންވަރު އަދި ކާމިޔާބީގެ ނިސްބަތް ފައިޒާގެ ވެކްސިންގައި ހުރިކަމަށް އެ ޤައުމުން ބުނެއެވެ. ވެކްސިނަށް ޙުއްދަ ދިނުމަށް ނިންމާފައިވަނީ އެ ވެކްސިންގެ މަޢުލޫމާތު ރަނގަޅަށް ދިރާސާކުރުމަށް ފަހުގައިކަމަށްވެސް ހެލްތު ކެނެޑާއިން ބުނެއެވެ.

ވެކްސިން ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކެނެޑާއިންވަނީ އެ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް ޚިދުމަތް ލިބޭގޮތަށް 14 ޑިސްޓްރިބިއުޝަން ސެންޓަރު ޤާއިމްކޮށްފައެވެ. އިނގިރޭސިވިލާތާއި އެއްގޮތަށް ކެނެޑާއިންވެސް އެންމެ ފުރަތަމަ ވެކްސިން ދޭނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ މީހުންނަށެވެ. މި ވަގުތު އެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރުން މަތީ މީހުންނަށެވެ.

ވެކްސިނާއި ބޭހަށް ޙުއްދަދޭ އެމެރިކާގެ އިދާރާތަކުންވަނީ ފައިޒާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 95 އިންސައްތަކަމަށް ބުނެފައެވެ. އެއާއިއެކު ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެމެރިކާގައި އެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދޭނެކަމަށް ބެލެވެއެވެ. ވެކްސިނާއި ގުޅޭގޮތުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ގޮތެއް ނިންމާނެއެވެ.

އިނގިރޭސިވިލާތުގައި ފައިޒާގެ ވެކްސިން ދޭން ފެށިތާ އެއްދުވަހުގެ ތެރޭގައި ވެކްސިން ދިން ދެމީހެއްގެ ކިބައިން ނޭދެވޭ އަސަރުތަކެއް ފެނުމުގެ ސަބަބުން އެ ޤައުމުންވަނީ ބޮޑެތި އެލާޖީތައް ހުންނަ މީހުން އެ ވެކްސިން ނުޖެހުނަށް އަންގައިފައެވެ. ނަމަވެސް ހެލްތު ކެނެޑާއިން ބުނީ އެ ޤައުމުން އިރުޝާދުދެނީ ހަމައެކަނި ވެކްސިންގައި ހިމެނޭ މާއްދާތަކަށް އެލާޖިކްވާ މީހުން އެ ވެކްސިން ނުޖެހުމަށްކަމަށެވެ. އިނގިރޭސިވިލާތުގައި ވެކްސިން ދިނުމުގައި ކަން ހިންގާ ގޮތް ގާތުން ބަލަމުންދާނެކަމަށާއި، ކެނެޑާއިން ދީފައިވާ އިރުޝާދަށް ބަދަލެއް ގެންނަން ޖެހޭނެތޯ އެއަށް ފަހުގައި ނިންމާނެކަމަށް ކެނެޑާއިން ބުނެއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ވެކްސިންގެ 249،000 ޑޯޒް މި މަހުގެ ތެރޭގައި ލިބޭނެކަމަށެވެ. އެ ޤައުމުން މިހާތަނަށް ވެކްސިންގެ 20 މިލިއަން ޑޯޒްވަނީ ގަނެފައެވެ. އެއީ 10 މިލިއަން މީހުންނަށް ފުދޭހާ ވެކްސިނެވެ. އިތުރު 56 މިލިއަށް ޑޯޒްގެ ވެކްސިން ގަތުމުގެ ފުރުޞަތު އެ ޤައުމަށްވަނީ ފަހިވެފައެވެ. ބޮޑުވަޒީރު ޓްރޫޑޯވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ކެނެޑާގެ ގިނަ ރައްޔިތުންނަށް ވެކްސިން ދީ ނިންމާލެވޭނެކަމަށް ވިދާޅުވެފައެވެ.

ދަ ޕީޕަލްސް ވެކްސިން އެލަޔަންސުންވަނީ ކެނެޑާގެ މުޅި އާބާދީއަށް ފަސް ފަހަރަށް ވެކްސިން ދެވޭވަރަށް އެ ޤައުމުން ވެކްސިން އޯޑަރުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް، އޮކްސްފެމް އަދި ގްލޯބަލް ޖަސްޓިސް ނައު ހިމެނޭ އެ އެލަޔަންސުން ބުނީ މުއްސަނދި ޤައުމުތަކުން ގިނަ ޢަދަދަކަށް ވެކްސިން ގަނެ ރައްކާކުރާނަމަ ފަޤީރު ޤައުމުތަކަށް ވެކްސިން ނުލިބުމުގެ ފުރުޞަތު އޮތްކަމަށެވެ.

އިނގިރޭސިވިލާތާއި ކެނެޑާގެ އިތުރުން ބަހުރައިނުންވެސްވަނީ ފައިޒާގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ.