ދުނިޔެ

ޖަރުމަނާއި ރަޝިޔާގައި ރެކޯޑު ޢަދަދުތަކެއް


ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އެ ސަރަޙައްދުގެ ޙާލަތު އިތުރަށް ގޯސްވާން ފަށައިފިއެވެ.

ޖަރުމަނުވިލާތުގައި މިހާތަނަށް 1.2 މިލިއަން މީހުންނަށް ކޯވިޑް ޖެހި 21،820 މީހުންވަނީ މަރުވެފައެވެ. ފާއިތިވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ވަނީ 29،875 މީހުންނަށް ބަލިޖެހިފައެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި 585 މީހުންނާއި އެކު އިއްޔެ ވެގެންގޮސްފައި ވަނީ އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި މަރުވި ދުވަހުގެ ގޮތުގައެވެ.

ޖަރުމަނުވިލާތުގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އަދި ބަލީގައި މަރުވާ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވުމާއި ގުޅިގެން ޑިސެމްބަރު މަހުގެ ޗުއްޓީއާއި ދިމާކޮށް އެ ޤައުމު ދެވަނަ ފަހަރަށް ފުރަބަންދު ކުރުމަށް އަންނަނީ ގޮވާލަމުންނެވެ. އެ ޤައުމުގެ އިޤްތިޞާދީ ވަޒީރު، ޕީޓަރ އޮލްޓްމަޔަރ ވިދާޅުވީ ކުރިން އެޅުމަށް ރާވާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، އެއަށްވުރެ ވަރުގަދަ ފިޔަވަޅުތައް މީ އެންމެ އަވަހަކަށް އަޅަންޖެހޭކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ކޮޅުން ފެށިގެން ޖަރުމަނުވިލާތުގައިވަނީ ލުއި ފުރަބަންދެއް ޤާއިމްކޮށްފައެވެ. އެ ފިޔަވަޅުތަކުގެ ދަށުން ކެފޭތަކާއި ރެސްޓޯރަންޓުތަކާއި، މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ ތަންތަނާއި ބައެއް މައިޒާންތައްވަނީ ބަންދުކޮށްފައެވެ. ޑިސެމްބަރު މަހުގެ ޗުއްޓީއާއި ދިމާކޮށް އެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ޖަރުމަނުވިލާތުން ދިޔައީ ރާވަމުންނެވެ.

ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ޞިއްޙީ މާހިރުންވަނީ ކަންބޮޑުވުން ފައުޅުކޮށް، ޤައުމުގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް ބުނެފައެވެ. އެ ޤައުމުގެ ޗާންސެލަރު، އަންގެލާ މާކެލްވެސްވަނީ ދުވާލަކު 500 މީހުން މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ، ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލައްވައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވާފައެވެ.

މިދިޔަ 24 ގަޑއިރުގެ ތެރޭގައި ރަޝިޔާއާއި ޔުކްރެއިނުގައިވެސްވަނީ ރެކޯޑު ޢަދަދެއްގެ މީހުން މި ބަލީގައި މަރުވެފައެވެ. ނަމަވެސް ރަޝިޔާގެ ފަރާތުން ހާމަކުރަމުންދާ ޢަދަދުތަކާއިމެދުވަނީ ސުވާލު އުފެދިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާގެ ޕެންޑެމިކް ޓާސްކް ފޯހުންވަނީ 613 މީހުން މަރުވިކަމަށް ރިޕޯޓުކޮށްފައެވެ. އެއާއިއެކު އެ ޤައުމުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 45،893އަށް އިތުރުވެފައެވެ. ނަމަވެސް މި މިއަހަރުގެ އޮކްޓޯބަރު މަހު އެޤައުމުން މަރުވި މީހުން މިދިަޔ އަހަރުގެ އެއް މުއްދަތާއި އަޅާ ބަލާއިރު 50،000 މީހުން އިތުރުވެފައިވާތީ އެ ޤައުމުގައި ކޯވިޑް ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާ ޖުމްލަ ޢަދަދު ގޯސްކަމަށް ވަނީ ބެލެވެން ފަށާފައެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވި މީހުންގެ ތެރޭގައި ކޯވިޑް ޖެހިގެން މަރުވިކަމަށް ދަފްތަރުކޮށްފައިވަނީ 22،761 މަރެވެ.

ޔުކްރެއިންގައި މިހާތަނަށް 872،228 މީހުންނަށް ބަލިޖެހި 12،775 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވަނީ 13،514 މީހުންނެވެ. އަދި މަރުވެފައިވަނީ 285 މީހުންނެވެ.