ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މާރޗްމަހާ އަޅާބަލާއިރު 2284 ރުފިޔާގެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މާރޗްމަހުގައި މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ހުރީ 4676.70 ރުފިޔާއެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ.
ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށާފައެވެ. މިގޮތުން ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ތިބި މީހުންގެ އެކައުންޓްތަކަށް ދަނީ ފައިސާ ޖަމާކުރަމުންނެވެ. ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި މިވަގުތު 11514 މީހުން ތިބިއިރު މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 2000 ރުފިޔާއެވެ.
މިއަހަރު އިސްލާމިކް މިނިސްޓްރީން އެކުލަވާލި ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ތިބީ 8764 މީހުންނެވެ. އެހެންނަމަވެސް އަލުން ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ޚާއްސަކޮށް ކޯވިޑް19 އާ ގުޅިގެން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އަލަށް މި ލިސްޓުގައި 2750 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.