ޚަބަރު

އިޔާދަކުރަނިވި ހަކަތައިން 7 މިސްކިތެއް އޭސީކޮށްފި


މިސްކިތްތަކުގައި އެއަރ ކޮންޑިޝަނަށް ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް 7 މިސްކިތެއް އޭސީކޮށްފިއެވެ. ސަރުކާރުގެ އަމާޒަކީ 2023 ގެ ނިޔަލަށް މަދުވެގެން 80 އިންސައްތަ މިސްކިތުގައި އެއަރ ކޮންޑިޝަނަށް ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން މިސްކިތްތައް އެސީ ކުރުމުގެ މަޝްރޫއުގެ ދަށުން އޭސީކުރަމުންދަނީ އެއްގޮތަކަށްވެސް އެސީ ކޮށްފައި ނުވާ މިސްކިތްތައްކަމަށެވެ. އަދި ރަށްރަށުގައި ހުރި އެންމެ ބޮޑު މިސްކިތުގައިވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއު މަސައްކަތް ނިންމާލުމަށް ކުރިން 2 އަހަރާއި ބައި ކަނޑައެޅިނަމަވެސް ކޯވިޑް-19 ގެ ސަބަބުން ފައިސާގެ ދަތިކަމާއެކު މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި 600 އަށް ވުރެ ގިނަ މިސްކިތް ހުރި އިރު މި މަސައްކަތަށްވެސް ގާތްގަޑަކަށް 700 މިލިޔަން ރުފިޔާ ޚަރަދުވާނެ. ކޯވިޑް އާ ގުޅިގެން މަސައްކަތްތަކަށް މަޑުޖެހުމެއް އައި" އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވިއެވެ.

ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެދަށުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެއްވާފައެވެ. މިސްކިތްތައް އޭސީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި 25 މިސްކިތެއް ހުށައެޅުމުން ރައީސް އޮފީހުންވަނީ 10 މިސްކިތެއްގައި އޭސީ ހަރުކުރުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ މިސްކިތްތަކަކީ އެސީ ކޮށްފައިވާ މިސްކިތްތަކެއް ނޫނެވެ. އޭސީ ކުރުމުގެ މަޝްރޫއާއެކު ސަރުކާރުން އަންނަނީ މިސްކިތްތަކުގައި ފަސޭހައިން އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުންނެވެ. މީގެ އިތުރުން މި ސަރުކާރުން މިހާތަނަށްވަނީ 9 މިސްކިތެއް އެޅުމަށްވެސް ހަވާލުކޮށްފައެވެ. މީގެ ތެރެއިން 2 މިސްކިތެއްގެ މަސައްކަތް ނިމި މިހާރުވަނީ ނަމާދުކުރަން ފަށާފައެވެ.

މުހައްމަދު

ދުނިޔޭގެ ސާފު ވަަޔަށްވުރެ އެއަރކޯންގެ ވައި މުހިއްމު ވަނީތަ؟ ދެން ފިނިކަމުން ތިތާގަ މީހަކު އިންނަންކެރޭނެތަ؟