ޚަބަރު

ސަޢުދީގައި ވެކްސިން ޖަހަން ބޭނުންވާ މީހުން ދަފްތަރުކުރަނީ


ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންނަށާއި އެ ޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޯވިޑް-19 ވެކްސިން ޖަހަން ބޭނުންވާ މީހުންގެ މަޢުލޫމާތު ދަފްތަރުކުރަން ފަށައިފިއެވެ. އެ ޤައުމުގެ އާންމުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައި ހިލޭއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ ދަފްތަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މަރުހަލާތައް ބަހާފައިވަނީ އާންމުންގެ އުމުރާއި ބަރުދަނާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ޙާލަތާއި ގިނަ ދުވަހަށް ފަރުވާކުރަންޖެހޭފަދަ ބަލިތަކަށް ބޭސްކުރާ މީހުންގެ މައްޗަށްކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނީ ރައްޔިތުންނަށް ދިނުމަށް ތައްޔާރުވަމުންދާ ފައިޒާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށާއި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންގޮސްފައިވާ ހުރިހާ ތަހުލީލުތަކުން ފާސްވެފައިވާކަމަށެވެ. އަދި ކޯވިޑް ޖެހުމުން ރައްކާތެރިކޮށްދިނުމުގެ ބާރު އެ ވެކްސިންގައި ހުރިކަމަށް އެ ވުޒާރާއިން ބުންޏެވެ.

ސަޢުދީ ޢަރަބިއްޔާގައި މިހާތަނަށް 360،013 މީހުންނަށް ކޯވިޑް-19 ޖެހި 6،059 މީހުންވަނީ މަރުވެފައެވެ.