ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔުނިސެފުން ކުރި މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު އެޖަމްޢިއްޔާއަށް ޝުކުރު އަދާކުރައްވާފައިވަނީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޑރ.އެމް.މުނީރު، އޭ.ސަފިލްޑިން، އެމަނިކުފާނުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ފާއިތުވި 2 އަހަރުގެ ތެރޭގައި ދިވެހި ސަރުކާރާއި ޔުނިސެފު ގުޅިގެން ކޮށްފައިވާ މުހިންމު އެކި މަސައްކަތްތަކާ ގުޅޭގޮތުން 2 ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ޙާލަތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އަދި ޑރ.މުނީރު ސަފިލްޑިންގެ އިސްގެންގެވުމުގެ މަތިން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމުގައެވެ.
ރައީސް ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން އެ ކުދިންނަށް ހޯދައިދީފައިވާ ޙައްޤުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ.މުނީރު ސަފިލްޑިން ދެއްކެވި ވާހަކަފުޅުގައި، އެ ޖަމުޢިއްޔާގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގައި ރާއްޖޭގައި އަދާކުރެއްވި މަސައްކަތްޕުޅާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރާ ގުޅިގެން، މަދަރުސާތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުމަށް ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި ދެ ބިލަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނުވައިދިން ދެ ބިލު ކަމުގައެވެ.
ކޯވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކަށައަޅާފައިވާ ސިޔާސަތުތަކަށް އިޝާރާތް ކުރައްވާ، މި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ނިންމާފައިވާ މުހިންމު ނިންމުންތަކަށް ޑރ. މުނީރު ސަފިލްޑިން ތަޢުރީފު ކުރެއްވިއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމުޢިއްޔާއިން ސަރުކާރާއެކު މަސައްކަތް ކުރަމުންދާނެ ކަން ފާހަގަކުރައްވާ، މި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވާ އަގުހުރި ޚިދުމަތްތަކަށް ތަޢުރީފުކުރައްވާ، އެ ކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ.