ތަރައްްޤީ

"ހިޔާ" ފްލެޓްތަކަށް ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް ބޭނުންވާ ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ މަސައްކަތް ޙަވާލުކޮށްފައިވާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 7000 ހައުސިންގ ޔުނިޓަށް ބޭނުންވާ ނަރުދަމާގެ ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބާގުޅޭގޮތުން ޕީީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކަށް ބޭނުންވާ ނަރުދަމާ ކަނެކްޝަންގެ މިހާރު ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީމަހަށް އެ މަސައްކަތް ނިންމާލެވޭނެކަމަށް ކުރިން ލަފާކޮށްފައިވީނަމަވެސް، މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިމަހުގެ ނިޔަލަށް ހިޔާ ފްލެޓްތަކަށް ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އުއްމީދުކުރާކަމަށް ޝާޙު ވިދާޅުވިއެވެ.

"އެ 7000 ހައުސިންގ ޔުނިޓަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ދޭން މިއޮތީ އެއަށް ނަރުދަމާގެ ކަނެކްޝަން. ނަރުދަމާ ކަނެކްޝަންގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިއްޖެ. ޕްލޭނިންގ މިނިސްޓްރީން އެޗް.ޑީ.ސީއާއި، ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީއާއި މިކަހަލަ ކުންފުނިތަކާއެކު ބައްދަލުކޮށް މި މަސައްކަތް ނިންމުމަށްޓަކާ އެންމެން އެއްބަސްވެފައިއޮތީ މި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް. އަޅުގަނޑު ފަހުން މިދިޔަ ހަފްތާގައި ބެލިއިރުވެސް ކަނެކްޝަންތައް ހުރީ ވަރަށް ބޮޑަށް ޕްރޮގްރެސްވެފައި" ޝާޙު ވިދާޅުވިއެވެ.

ޝާޙު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް އެމް.ޑަބްލިޔު.އެސް.ސީން ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެތަން މެއިންޓެނެސްކުރާ ފަރާތުން ހަދާފައިވާ ބޮޑެތި ފެންތާންގީތަކެއް މެދުވެރިކޮށްކަމަށެވެ. އަދި އެތާންގީތަކާއި ހިސާބަށް އެކުންފުނީގެ ފަރާތުން އަޅަންޖެހޭ ނެޓްވޯކު މިހާރު އަޅާ ނިމިފައިވާކަމަށްވެސް ޝާޙު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޤާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމްލަ 580 ނަރުދަމާ ނިޒާމްގެ ކަނެކްޝަން ގުޅައިދެވިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކާއި، 283 މޭން ހޯލްއާއި 2 ޕަންޕިންގ ސްޓޭޝަން ޤާއިމުކުރާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.