ޚަބަރު

ކޯވިޑް-19 : އިތުރު 5 ވެންޓިލޭޓަރު ލިބިއްޖެ


ކޯވިޑް-19އާ ގުޅިގެން ރާއްޖެގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެއަށް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު އެ ވެންޓިލޭޓަރުތައް ލިބިފައިވާކަމުގެ އީމެއިލްތައް އެ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި އެހެންނަމަވެސް އެތަކެތި ރާއްޖެ ގެނައުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖެއަށް މިހާރު ލިބިފައިވާ ވެންޓިލޭޓަރުތައް ޓެސްޓްކުރުމާއި ވެންޓިލޭޓަރުތަކާއެކު ބޭނުންވާ އެހެނިހެން ސާމާނު ހަމަތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން މިލިބުނު 5 ވެންޓިލޭޓަރާއެކު މިހާރު ރާއްޖެއަށް 15 ވެންޓިލޭޓަރު ވަނީ ލިބިފައެވެ. ކުރިން ރާއްޖެ ފޮނުވި 10 ވެންޓިލޭޓަރަކީ މޮބައިލް ވެންޓިލޭޓަރުތަކެއް ނަމަވެސް، ފަހުން ލިބިފައިވާ ވެންޓިލޭޓަރަކީ އައިސީޔޫގައި ބޭނުންކުރާ ޚާއްސަ ވެންޓިލޭޓަރުތަކެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މީގެ ކުރިން ލިބިފައިވާ މޮބައިލް ވެންޓިލޭޓަރުތައް ބޭނުންވާ ތަންތަނަށް ފޮނުވަމުން އަންނަކަމަށެވެ. ތަސްލީމާ ވިދާޅުވީ ފަހުން ލިބިފައިވާ ފަސް ވެންޓިލޭޓަރު ޓެސްޓް ކުރުމަށް މިނިސްޓްރީގެ އިންޖިނިއަރިންގ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބާކީ ހުރި 60 ލިބޭނެ ވަކި ތާރީޚެއް އަދި ލިބިފައި ނުވާކަމަށް ތަސްލީމާ ވިދާޅުވިއެވެ.

75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަށް އޯޑަރުދީފައިވަނީ މާޗްމަހުއެވެ. އަދި އެކަމަށް ހޭދަވާ ފައިސާގެ %90 ސަރުކާރުންވަނީ ދައްކާފައެވެ. އެއީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ނަމަވެސް މި ފައިސާގެ މުޢާމަލާތް ކުރިއަށްގެންގޮސްފައިވަނީ އެއްވެސް ގެރެންޓީއަކާ ނުލައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައިވަނީ ހާމަކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި އިހުމާލުވުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އޭސީސީން އެކަން ތަހްޤީޤުކޮށް އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމަވާފައިވަނިކޮށް ހެލްތު މިނިސްޓަރުކަމުގެ މަޤާމުން އަބްދުﷲ އަމީންވަނީ އިސްތިއުފާ ދެއްވާފައެވެ.

އަދި ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމި ނިންމުން މުރާޖަޢާ ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ވަނީ ފަށާފައެވެ.