ޔޫއެންޑީޕީން އާންމުކުރާ އިންސާނީ ތަރައްޤީގެ ރިޕޯޓުގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 9 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ. އެގޮތުން އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުމުގައި 189 ޤައުމުގެ ތެރެއިން ދިވެހިރާއްޖެ އޮތީ 95 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ ލިސްޓުގެ 104 ވަނައިގައެވެ.
ޔޫއެންޑީޕީން އާންމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން 1990 ވަނަ އަހަރުގެ ފަހުން ދިވެހިންގެ އާންމު އުމުރު ވަނީ 17.4 އަހަރު އިތުރުވެފައެވެ. އަދި ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް 132 އިންސައްތައް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މިއަހަރު ދެކުނު އޭޝިއާ ސަރަޙައްދުގައި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު އެންމެ މަތީ ވެސް ރާއްޖޭގައެވެ. އެއީ 14.5 ޓަނެވެ. އަދި މިއަދަދަކީ ދުނިޔޭގެ އެވްރެޖް އަދަދުކަމަށްވާ 12.3 ޓަނަށްވުރެވެސް މަތީ އަދަދެއްކަމަށް ޔޫއެންޑީޕީން ހާމަކުރެއެވެ.
މި ރިޕޯޓުގައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފުޖީ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާއިލް އާއި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ލިޔުއްވާފައިވާ އޮޕީނިއަން އެޑިޓޯރިއަލްގައި، ވަނީ މި ޒަމާނުގައި އިންސާނީ ތަރައްގީ ހާސިލުކުރުމަށްޓަކައި ”މުޅި މުޖުތަމައުގެ ރައްދެއް“ ބޭނުންވާކަން ފާހަގަކޮށްފައެވެ.
މި އޮޕީނިއަން އެޑިޓޯރިއަލްގައި ފާހގަަކޮށްފައިވާގޮތުން ވަކިވަކި މީހުން ކުރަންޖެހޭނެ ކަންކަމަށްވުރެ ބޮޑަށް، ކަންކުރާނެ ގޮތުގެނިޒާމެއް ގާއިމުކުރުން މުހިންމެވެ. އެގޮތުން މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފު ވިޔަފާރީގެ ޙަރަކާތްތަކުން މުދާ ގަންނަ ފަރާތްތަކާއި، ޚިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމެއްކަން ވެސް ފާހަގަކޮށްފައެވެ. އަދި އައު ވިޔަފާރިތައް އުފެއްދުމުގައި މުސްތަގުބަލުގެ ޒިންމާދާރު އުފެއްދުންތެރިންގެ ހައިސިއްޔަތުން އެމީހުންގެ ވިޔަފާރީގެ ހުނަރާއި ތަސައްވުރު ބޭނުންކުރަންވާނީ، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، ފެހިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތްތައް ޚިޔާރުކޮށްގެން ކަމަށްވެސް މި އޮޕީނިއަން-އެޑިޓޯރިއަލްގައި ފާހަގަކޮށްފައިވެއެވެ.
އިންސާނީ ތަރައްޤީގެ ރިޕޯޓު ނުވަތަ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އަކީ ޤައުމެއްގައި ސިއްޙަތާއި ތަޢުލީމާއި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. މީގެ ތެރެއަށް ޤައުމުން ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރާއި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ”މެޓީރިއަލް ފުޓްޕްރިންޓް“ މި ދެ ކަންތައް އިތުރުކުރުމުން، އާންމުކޮށް އިންސާނުންނާއި ދުނިޔޭގެ ދުޅަހެޔޮކަމަކީ އިންސާނީ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންކަމުގެ ގޮތުގައި ދައްކުވައިދޭ ކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޔޫ.އެން.ޑީ.ޕީ އަކީ ފަޤީރުކަމާއި، ހަމަހަމަކަން ނެތުމާއި، މޫސުމަށް އަންނަ ބަދަލުތައް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ އ.ދ.ގެ ޖަމާއަތްތަކުގެ ތެރެއިން އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ. 170 ޤައުމެއްގެ ޕާޓުނަރުންނާއި ޚަބީރުންގެ ފުޅާ ވިއުގައެއްގައި އިންސާނުންނަށާއި މުޅި ދުނިޔެއަށް ދެމެހެއްޓެނިވިގޮތުގައި ހައްލުތައް ހޯދައިދިނުމަށް ޔޫ.އެން.ޑީ.ޕީން ދަނީ މަސައްކަތް ކުރަމުންނެވެ.