ޚަބަރު

އަތޮޅު ތެރެއަށްދާއިރު ކަރަންޓީން ވާންޖެހެނީ ރަށްރަށުގެ ރައްކާތެރިކަމަށް


ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއެކު މިދުވަސްވަރު ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ މާލެއިން އެހެން ރަށަކަށް ދާނަމަ ކަރަންޓީން ވާނެ ޖެހުމެވެ. ވާނީވެސް އެހެންތާއެވެ. އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް މިދުވަސް ވަރަކީ ދިވެހިންނަށް އަންނަ ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. ސަރުކާރުގެ އޮފީސްތައް ބަންދުވުމާއި ސްކޫލްތައް ބަންދު ދުވަސްވަރުކަމުން ކޮންމެ އަހަރެއްގެ މިދުވަސްވަރު އާއިލާއާއެކު އުފަން ރަށައް ދިއުމާ އެކި ރައްތަކަށް ގޮސް ޗުއްޓީ ހޭދަކުރުމަކީ ދިވެހިންގެ މެދުގައި އޮންނަ އާދައެވެ.

އެހެންނަމަވެސް މިއަހަރުގެ މި ދުވަސްވަރު ބައްދަލުމިވީ މުޅިން ހިތާމެވެރި ދުވަސް ވަރަކާއެވެ. ކޯވިޑް-19 ގެ ސަބަބުން ހަމަޖެހިލައިގެން ގެއިން ނުނިކުމެވޭއިރު ރަށަކަށްދާންވެސް މިތިބެނީ ނުކެރިފައެވެ. ޚާއްސަކޮށް މާލޭގައި އުޅޭ ރައްޔިތުންނަށް ކަރަންޓީން ނުވެ ރަށްރަށައް ދަތުރު ކުރުންވޭނެ ގޮތެއް ނެތުމުން މާލޭގައި މިވަނީ ތާށިވެފައެވެ. އެހެންނަމަވެސް ދާ މީހުން ރަށްތަކަށް މިހާރުވެސް ދެމުން އެބަދެއެވެ.

ކުރިން ރަށްރަށަށް ދާ މީހުންގެ ކަރަންޓީންގެ މުއްދަތު 14 ދުވަހަށް އޮތުމަށްފަހު 10 ދުވަހަށް ބަދަލު ކުރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަދިވެސް ރައްޔިތުންގެ ޝަކުވާއަކަށް ވެފައިވަނީ ކަރަންޓީން އުވާ ނުލުމެވެ. ޚާއްސަގޮތެއްގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ވާޏް ނުޖެހުމާއި ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރިސޯޓްތަކަށް ދިވެހިން ނަށް ދެވޭ ގޮތް ހެދުމުން ރައްޔިތުން މާބޮޑަށް ނުރުހުން ފާޅުކުރެއެވެ. އެހެންނަމަވެސް ވިސްނާލަން ޖެހޭކަމަކަކީ އެޗްޕީއޭއިން މިފަދަ އުޞޫލެއް ހަދާފައިވަނީ ރަށްރަށުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށެވެ. ވީހާވެސް ބޮޑަށް ރަށްރަށުގައި ތިބި މީހުން މި ބަލިން ރައްކާތެރިކުރުމަށްޓަކަކެއެވެ. ސަބަބަކީ ރާއްޖޭގެ ބައެއް ރަށްތަކަކީ އެކަށީގެންވާ ސިއްޙީ ޚިދުމަތްތައް ނެތް ރަށްރަށަށް ވުމާއި ބަލީގައި ބޮޑުވަރުވެއްޖެނަމަ ދަތުރުކުރުމަށްވެސް ދަތިތަކާ ކުރިމަތިވާނެތީއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވަނީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި މާލެ ސިޓީ އަދި އަތޮޅުތެރެއާ މެދު ވަރަށް ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނަމުންދާ ފަރާތްތަކަށް ރައްދުދެއްވާފައެވެ. މިގޮތުން ނަޒްލާ ވިދާޅުވީ މާލެ ސިޓީ އަދި އަތޮޅުތެރެއާ ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށެވެ. ނަމަވެސް އަބަދުވެސް ބަލަމުންދަނީ ބަލީގެ ހާލަތަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ..

ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށާއި، އަތޮޅުތެރޭގެ ރަށްތައް ބަލީގެ ނުރައްކަލަކަށް ހުށަހެޅިގެންނުދާ ކަމަށެވެ. ބައެއް ރަށްތަކަކީ ފަތުރުވެރިކުގެ ވިޔަފާރި އެއްވެސް ވަރަކަށް ނުކުރާ ރަށްތައްކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށް ބަލިން ސަލާމަތް ކުރުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ކަރަންޓީން އުސޫލު އެކުލަވާލީ ރަށްތަކާއި އެރަށްރަށުގެ ރައްޔިތުން ނުރައްކަލުން ސަލާމަތްކުރުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މާލެއިން ރިސޯޓަށް އަދި ރިސޯޓަކުން މާލެ އައިސް ކަރަންޓީންވާން ނުޖެހެނީ މާލޭގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއްކަމަށްވާތީ އަދި ރިސޯޓަކުން ރަށަކަށްދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ. ތިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ރާއްޖެއިން ބޭރަށް ގޮސްފައި އަތުވެއްޖެނަމަ އަދި ވެސް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭ. އެއީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ އަދި ދައުލަތުގެ ފަރާތުން މީހުން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތައް."ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ރަށުގައި ކަރަންޓީން ވުމުގެ މުއްދަތު 10 ދުވަހަށް ކުރިކަމުގައިވީނަމަވެސް އެޗްޕީއޭއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް އަންގަވާފައެވެ. އަދި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށްވެސްވަނީ އަންގަވާފައެވެ. އެޗްޕީއޭއިން އަލަށް ދިން ލުއިތަކުގެ ތެރޭގައި ކުރުމުއްދަތަކަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކަށް ޕީސީއާރް ޓެސްޓު ހެދުމަށް ކަނޑައަޅާފައި އޮތް އޮތުންވެސް ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މީގެ ދަށުން ދެވުނު ލުޔާއެކު ކުރު މުއްދަތަކަށް އެކި ބޭނުން ތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން އެފަރާތްތަކުން ރަށްރަށްގޮސް ޢަމަލުކުރަން ކަނޑައަޅާފައިވާ އުސޫލާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން އަންނަނީ ޙާލަތަށް ރިޢާޔަތްކޮށް ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގައި ކުރިއަށްގެންދިޔަ ސީރޯ ޕްރިވެލެންސް ސަރވޭއަށް ބެލުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންނެވެ. މިދުވަސްވަރަކީ ސްކޫލް ބަންދުވުމަށްފަހު ގިނަބަޔަކު ދަތުރުކުރާ ދުވަސްވަރެއްކަމުން އެޗްޕީއޭއިން ގެންދަނީ ހުރިހާ ފަރާތްތަކަކުންވެސް ކޯވިޑް-19އިން ރައްކާތެރިވުމަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.