ޚަބަރު

ކުންފުނީގެ އާމްދަނީގެ ފައިދާ 350 މިލިއަން ރުފިޔާއަށް ހެދުމަކީ އަމާޒެއް: އާޒިމް


އެމްޓީސީސީއަށް ލިބޭ ފައިދާ އިތުރުކޮށް 2023 ވަނަ އަހަރު 350 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދުމަކީ އަމާޒެއްކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއަހަރުގެ މިހާތަނަށްވެސް އެމްޓީސީސީއަށް ދުވަހަކުވެސް ފައިދާ ނުވާވަރަށް ފައިދާ ވެފައިވާކަމަށާއި މިއަހަރަކީ އެކުން ފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢުތައްވެސް އަވަހަށް ނިންމުނު އަހަރެއްކަމަށެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރު އެކުންފުންޏަށް 250 މިލިޔަން ރުފިޔާގެ ފައިދާއެއް ހޯދުމަށްކަމަށެވެ. އަދި އަމާޒަކީ 2022 ވަނަ އަހަރު 300 މިލިއަން އަދި 2023 ވަނަ އަހަރު 350 މިލިޔަން ރުފިޔާ އެކުންފުންޏަށް ފައިދާގެ ގޮތުގައި ހޯދުމަށްކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"މިއހަރު މި ހޯދި ކާމިޔާބީއަކީ މި ދަތި އުނދަގޫ ވަގުތުގައިވެސް މަސައްކަތްކޮށްގެން ހޯދި ކާމިޔާބީއެއް. މި އަމާޒަށް ވާޞިލް ވުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަން. އެގޮތުން ޚަރަދު ކުޑަކުރުމާއި މަސައްކަތްތައް އަވަހަށް ނިންމުމާއި ޤާބީލް މުވައްޒަފުން ތައްޔާރުކުރުން. މިހާރު ތިބި ބޭރުގެ މުވައްޒަފުން ދިވެހިންނަށް ބަދަލު ކުރުމަކީވެސް އަމާޒެއް." އާދަމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުންފުންޏަށް ފައިދާ ހޯދުމުގެ އިތުރަށް އެ ކުންފުނީގެ ވިސްނުމަކީ ޤައުމުގެ އިޤްތިޞާދަށްވެސް ކުރިއެރުން ހޯދުންކަމަށެވެ. އެގޮތުން ކުރިން މަހާޖައްރާފުގައި ބިދޭސީ މުވައްޒަފުން ތިބިއިރު އަހަރަކު 1 މިލިއަން ރުފިޔާ ޤައުމުން ބޭރުވަމުން އައި ނަމަވެސް ދިވެހި މުވައްޒަފުންނާއެކު އެކަންވެސް ހުއްޓުވާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

މިއަހަރަކީ ގިނަ ގޮންޖެހުންތަކަކާއެކުވެސް އެމްޓީސީސީއަށް ކާމިޔާބު އަހަރެއްކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވަނީ އިތުރުވެފައެވެ. މީގެ އިތުރުން އެމްޓީސީސީން ލަފާކުރަނީ މިއަހަރު ނިމޭއިރު، 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.