ދުނިޔެ

ހަރުކަށި ފިޔަވަޅުތަކާއިއެކު އިނގިރޭސިވިލާތް ފުރަބަންދަށް


އިނގިރޭސިވިލާތުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް އިތުރަށް ވަރުގަދަކޮށްފިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް ދެ މިލިއަން މީހުންނަށް ބަލިޖެހި 67،075 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު އާދަޔާއި ޚިލާފަށް އިތުރުވަމުންދާތާ ދެ ހަފުތާއެއްހާ ދުވަސްވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 27،052 މީހުންނަށް ބަލިޖެހި 534 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރު، ކްރިސް ވައިޓީ ވިދާޅުވީ އިނގިރޭސިވިލާތުގައި މިދުވަސްވަރު ފެތުރެމުންދަނީ ބަދަލުތަކެއް އައިސްފައިވާ ވައިރަހުގެ ވައްތަރެއްކަމަށާއި އެ ވައިރަސް ފެތުރޭ މިންވަރު ކުރިން ފެތުރެމުންދިޔަ ވައްތަރަށްވުރެ ހަލުވިކަމަށެވެ. ސައިންސްވެރިން ބެލި ބެލުމުން ކުރިން ފެތުރެމުންދިޔަ ބަދަލު އައިސްފައިވާ ވައިރަހުގެ ބާވަތް ފެތުރޭ މިންވަރު 70 އިންސައްތަ އިތުރެވެ. އެ ހޯދުންތައް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއާއި ޙިއްޞާކޮށްފައިވާކަމަށް ވައިޓީ ވިދާޅުވިއެވެ. ނަމަވެސް ބަދަލުތައް އައިސްފައިވާ ވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންގެ ޙާލު އިތުރަށް ގޯސްވާކަމުގެ ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވައިރަހަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ބައްޔާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އަސަރު ކުޑަވާކަމުގެ ހެއްކެއްވެސް މިހާތަނަށް ފެނިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ކުރިން ރާވަމުން ދިޔައީ ޑިސެމްބަރު މަހުގެ ފަހުކޮޅާއި ދިމާކޮށް އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށެވެ. ނަމަވެސް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ދެން އެގޮތަށް ޢަމަލުކުރެވެން ނެތްކަމަށް ވިދާޅުވެ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ އިޢުލާނުކުރައްވާފައެވެ.

ހަތަރުވަނަ މަރުހަލާގެ އިންޒާރު އިޢުލާނުކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ބޭނުމެއްނެތި ގެއިން ބޭރަށް ނުނިކުމެވޭނެކަންވަނީ އަންގައިފައެވެ. ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން ޚިދުމަތްތައްދޭ ފިހާރަތަކާއި ވިޔަފާރިތައްވެސް ބަންދުވާނެއެވެ. އެގެތެރޭގެ މުނިފޫހިފިލުވުމުގެ ޚިދުމަތް ދޭ ތަންތަންވެސް ހިމެނޭނެއެވެ. އޭގެ އިތުރުން ހާމަ ތަނެއްގައި ދެމީހުންނަށްވުރެ ގިނަ މީހުންގެ އެއްވުމަކީވެސް މަނާކަމެކެވެ. ޖޮންސަން ވިދާޅުވީ ޗުއްޓީއަށްފަހު ތިންވަނަ ފަހަރަށް ޤައުމު އެއްކޮށް ފުރަބަންދުކުރަން ނުޖެހޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.