ސިޔާސީ

ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފި


ސިޓީ ކައުންސިލުތަކަށް
އައްޔަންކޮށްފައިވާ ކައުންސިލަރުންގެ މުސާރަތައް ރައްޔިތުންގެ މަޖިލީހުން މިއަދު
ކުޑަކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން
ނިންމިގޮތަށް މާލޭ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ
ކައުންސިލުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު
ފާސްކުރީ 47 މެމްބަރުންގެ
އަޣުލަބިއްޔަތުންނެވެ. މިއަދު ފާސްކުރި މުސާރައިގެ އޮނިގަނޑަށް ބަލާއިރު މޭޔަރުންނަށް މިހާރު ދެމުން އަންނަ 30،000 ރުފިޔާގެ އަސާސީ މުސާރަ ވަނީ 15،000 ރުފިޔާއަށް ކުޑަ ކޮށްފައެވެ. ލިވިން އެލަވަންސްގެ
ގޮތުގައި ކޮންމެ މަހަކު މޭޔަރަކަށް ލިބޭ 15،000 ރުފިޔާ ވަނީ 3،000 ރުފިޔާއަށް
ކުޑަކޮށްފައެވެ. ކާރު އެލަވަންސްގެ ގޮތުގައި މޭޔަރުންނަށް 7،500 ރުފިޔާ ލިބެއެވެ.

ޑެޕިއުޓީ މޭޔަރުންގެ މުސާރަ ވަނީ 27،000 ރުފިޔާ އިން 12،000 ރުފިޔާ އަށް ކުޑަކޮށްފައެވެ. ލިވިން އެލަވަންސްގެ ގޮތުގައި ޑެޕިއުޓީ
މޭޔަރުންނަށް ދެމުން ގެންދާ 8،000 ރުފިޔާ ވަނީ 2،000ރުފިޔާއަށް ކުޑަކޮށްފައެވެ. ސިޓީ ކައުންސިލުތަކުގެ މެމްބަރުން އަސާސީ މުސާރަ ކުޑަކޮށްފައި ވަނީ ނަވާރަ ހާސް
ރުފިޔާ އިން ދިހަހާސް ރުފިޔާއަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް ލިބޭ 6،000 ރުފިޔާ ވަނީ 1،500 ރުފިޔާ އަށް ކުޑަކޮށްފައެވެ. 

އަދި މި ގަވާއިދަށް
އަމަލުކުރަން ފެށުމުން ސިޓީ ކައުންސިލުތަކުގެ މެމްބަރުންނަށް
ކުރިން ލިބެމުން އައި ހުރިހާ އިނާޔަތްތަކެއްވެސް ކެނޑިގެންދާނެއެވެ. ސިޓީ ކައުންސިލުތަކުގެ
މެމްބަރުންގެ މުސާރަ ކުޑަކޮށްފައި މިވަނީ ސިޓީ ކައުންސިލުގެ ދަށުން
ކުރަމުންއައި ބައެއް މަސައްކަތްތައް ދާދިފަހުން ހައުސިންގ މިނިސްޓްރީގެ ދަށަށް
ބަދަލުކޮށްފައި ވަނިކޮށެވެ.