ކޮންމެ ރަށެއްގައިވެސް ސްކޫލްތައް ހުޅުވައި ދެވަނަ ޓާރމްގެ ކިޔެވުން ފަށާނީ އެރަށެއްގެ ސިއްޙީ ޙާލަތަށް ރިޢާޔަތް ކުރުމަށްފަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10ވަނަ ދުވަހުއެވެ.
ދެވަނަ ސެމިސްޓާގައި ސްކޫލްތައް ހުޅުވައި ކިޔެވުން ފެށުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ވިދާޅުވީ ޢާއްމު ޙާލަތަށް ދިއުމަށް މަސައްކަތް ކުރިނަމަވެސް އަދިވެސް ކޯވިޑް-19 ފިލައިގެން ނުދާކަމަށާ، މިޙާލަތު ހަނދާން ބަހައްޓަން ވާނެކަމަށެވެ. އަދި ސްކޫލުތަކުގައި ކިޔަވައިދޭނީ ކޯވިޑް-19އާ ގުޅިގެން އެރަށެއް އޮތް ޙާލަތަށް ބެލުމަށްފަހު ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މި ސާކިއުލާގައި ވާގޮތުން ސްކޫލު އަލުން ހުޅުވުން ބަހާލާފައިވަނީ 3 ފިޔަވައްސަކަށެވެ. ފުރަތަމަ ބައިގައި ވާގޮތުން ކޯވިޑް-19އާ ގުޅިގެން ފުރަބަންދު ކޮށްފައިވާ ރަށްރަށުގެ ސްކޫލުތައް ބަންދުވާނެއެވެ. އަދި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ލަފާގެ މަތިންނެވެ. ކޯވިޑް-19ގެ ކޭހެއް ނެތް ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވައިދޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2ވަނަ ޓާމްގެ ކިޔެވުން ފެށޭއިރު ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކުގައި ކިޔަވައިދޭންވީ ގޮތުގެ ކަންކަން އަނެއްކާވެސް ހަނދާންކޮށްދެއްވާފައެވެ.
މިގޮތުން ކީ ސްޓޭޖް 1އިން 5އަށް ކިޔަވާ ދޭންވާނީ ހަފްތާއަކު 4 ގަޑިއިރާއި 5 ގަޑިއިރާ ދެމެދުއެވެ. އަދި ފައުންޑޭޝަންގެ ދަރިވަރުންނަށް 2 ގަޑިއިރަށް ވުރެ އިތުރު ނުކުރަމަށް ވަނީ އަންގާފައެވެ. ހަފްތާގެ 5 ދުވަހު ކިޔަވައިދޭއިރު މާއްދާއަކަށް ހޭދަވަނީ 35 މިނެޓެވެ. އަދި އެއީ ހަފްތާއަކު 14 ގަޑިއިރެވެ. މި ގަޑިތަކުގެ ތެރެއިން 60 މިނެޓް އަހެނިހެން ހަރަކާތްތަކަށް ޚާއްސަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. މިގޮތުން އަތްދޮވުމާއި ހުންބެލުމާއި ދަރިވަރުންނާއި ގުޅުން ހުރި އެހެނިހެން ހަރަކާތްތައް ހިމެނެއެވެ.
ެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގަވާފައިވަނީ ބަލީގެ އެއްވެސް ރިސްކެއްއޮތް އެއްވެސް ދަރިވަރަކަށް ނުވަތަ ސްޓާފަކަށްވެސް ސްކޫލަކަށް ނާދެވޭނެކަމަށެވެ. އަދި އެ ފަދަ ދަރިވަރެއްގެ ނުވަތަ ސްޓާފެއްގެވެސް މައުލޫމާތު ސިއްހީ ދައިރާތަކަށް ހިއްސާކޮށް ބަލަންޖެހޭނެކަމަށްވެސް މި ޤައިޑްލައިންގައިވެއެވެ.
ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން ސްކޫލްގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅަންޖެހޭނެއެވެ. މާސްކު އެޅުމުގައި އިސްތިސްނާވާނީ ހަމައެކަނި ނޭވާ ހިއްލުމުގެ މައްސަލަތައް ހުންނަ ދަރިވަރުންނަށް އެކަނިކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވީހާވެސް ބޮޑަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ކިޔަވައިދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅަފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމާއެކު ސްކޫލްތައް ޖުލައި މަހުގެ 1ވަނަ ދުވަހު ހުޅުވިއެވެ. އޭރު މާލެ ސަރަޙައްދުގައި ގްރޭޑް 9އިން މަތީގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދިންނަމަވެސް ކޯވިޑްގެ ކޭސްތައް ނެތް ރަށްރަށުގައި ކީ ސްޓޭޖް 1އިން ފެށިގެން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިއެވެ. މިގޮތުން ސްކޫލްއަށް ގެންގޮސްގެންނާއި އޮންލައިންކޮށްވެސް ކިޔަވައިދިނެވެ. އެހެންނަމަވެސް މާލޭގައި ބަލި ފެތުރުން އިތުރުވުމާ ގުޅިގެން އަނެއްކާވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށް ކިޔަވައިދެމުން ގެންދިއެވެ. ކޯވިޑް-19 ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކިޔެވުން މެދުކެނޑުމުގެ ސަބަބުން އަންނަ އހަރުގެ ދިރާސީ އހަރުގެ ކިޔެވުން ފެށުމަށް ނިންމާފައިވަނީ އޯގަސްޓްމަހުގައެވެ. އަދި މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ނިމޭނީ ޖޫން މަހުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ އަތޮޅުތަކުގެ ސްކޫލްތަކާ އެއްގޮތަށް މާލޭގެ ސްކޫލްތައްވެސް ހުޅުވައިގެން ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން ސްކޫކްތައް އަލުން ހުޅުވުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.