ދުނިޔެ

ބައިޑަންވެސް ކޯވިޑް ވެކްސިން ޖައްސަވައިފި


އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންވެސް ކޯވިޑް ވެކްސިން ޖައްސަވައިފިއެވެ. ބައިޑަން ނަގާފައިވަނީ ފައިޒަރ ކުންފިނިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އެމަނިކުފާނަށް ވެކްސިން ދިން މަންޒަރުވަނީ ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައެވެ. ބައިޑަން ވެކްސިން ޖައްސަވާފައިވަނީ އެ ޤައުމުގެ ޑެލަވެއަރގެ ނެވާކުގައި ހުންނަ ކްރިސްޓިއާނާ ހޮސްޕިޓަލުގައެވެ.

ވެކްސިނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބައިޑަންވަނީ ވެކްސިން އުފެއްދުމާއި ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއި ޞިއްޙީ ޚިދުމަތްތެރިންނަށް ޝުކުރު ޢަދާކުރައްވާފައެވެ. ބައިޑަން ވިދާޅުވީ ވެކްސިނެއް ތަޢާރަފްކުރުމުގެ މަސައްކަތުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ސަރުކާރުން ކޮންމެވެސް މިންވަރެއްގެ ދައުރެއް ޢަދާކޮށްފައިވާކަމަށެވެ.

ބައިޑަން ވިދާޅުވީ ވެކްސިންގެ ސަބަބުން އުންމީދު އައު ކޮށްދީފައިވާކަމަށާއި، ހުރިހާ އެންމެންގެ ކުރިމަތީގައި ވެކްސިން ޖެއްސެވުމަށް އެމަނިކުފާނު ނިންމެވީ އޭގެ ރައްކާތެރިކަން ރައްޔިތުންނަށް ޔަޤީންކޮށްދެއްވުމުގެ ގޮތުންކަމަށެވެ. އަދި އެމީހަކާއި ހަމައަށް ވެކްސިން ފޯރާހާ އަވަހަކަށް ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. ވެކްސިނާއިމެދު ކަންބޮޑުވާންވީ ސަބަބެއް ނެތްކަމަށާއި ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށް ތައްޔާރަށް ހުންނެވިކަމަށް ބައިޑަން ވިދާޅުވިއެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހުގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށް ތައްޔާރުވަމުންދާ ބައިޑަންވަނީ އާންމު ޞިއްޙާތާއި ބެހޭ މާހިރުންގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކޮށް، މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރުމުގައި ދެމި ތިބުމަށް އެމެރިކާ ރައްޔިތުންނަށް ގޮވައިލައްވައިފައެވެ. އަދި ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ ދަތުރުނުކުރުމަށްވެސް ބައިޑަން އިލްތިމާސްކުރެއްވިއެވެ. އެމެރިކާއިން އަދިވެސްދަނީ ބައްޔާއި ދެކޮޅަށް ހަނގުރާމަކުރަމުންކަމަށާއި، ހަސްފަތާލުގައި ވެކްސިން ލިބެންހުރި ނަމަވެސް އެއީ ފަރުވާކުޑަކުރަންވީ ސަބަބެއް ނޫންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

އަންނަ ހަފުތާގެ ތެރޭގައި އިންތިޚާބީ ނައިބު ރައީސް ކަމާލާ ހެރިސްއާއި އެކަމަނާގެ ފިރިކަލުން، ޑައުގް އެމްހޮފަށް ވެކްސިން ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަންޕް މިހާތަނަށް ވެކްސިން ޖައްސަވާފައެއް ނުވެއެވެ. މީގެ ކުރިން ކޯވިޑް ޖެހިވަޑާއިގެންނެވި ރައީސް ޓްރަންޕު ވެކްސިން ޖައްސަވާނީ ރިޔާސީ އިދާރާ، ވައިޓު ހައުސްގެ ޞިއްޙީ ކަންކަމާއިބެހޭ ވަފުދުން އެގޮތަށް ޢަމަލުކުރުމުގެ ފެހި ސިގުނަލު ދިނުމުންނެވެ.