ދުނިޔެ

ކޯވިޑް-19ގެ އައު ބާވަތް ކުޑަކުދިންނާއި މާ ދޯޅު، ވާރުތަވާގޮތްވެސް ތަފާތު


އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުގެ އައު ބާވަތް ކުޑަކުދިންނަށް ޖެހުމުގެ ފުރުޞަތު އިތުރުކަމަށް ސައިންސްވެރިން ބުނެފިއެވެ.

ކުރިން ފެތުރެމުންދިޔަ ކޯވިޑް-19 ވައިރަހުގެ ބާވަތުގެ އަސަރު ކުޑަކުދިންނަށް ކުރާ މިންވަރު ދަށެވެ. ނަމަވެސް، ގައިންގަޔަށް އެރުމުގެ ބާރު 70 އިންސައްތައަށް އިތުރު މި އައު ވައްތަރުގެ ވައިރަހުގެ ސަބަބުން ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށް ފަސޭހަކަމާއެކު ބަލި ޖެހުމުގެ ފުރުޞަތު އޮތްކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ވައިރަހަށް އައިސްފައިވާ ބަދަލުތަކުގެ އިތުރުން އެ ވައިރަސް އިންސާނުން ހަށިގަނޑަށް ވަންނަ ގޮތްވެސް ތަފާތުކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލުތަކެއް އަދި ސައިސްވެރިން ހާމައެއްނުކުރެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ އިދާރާއެއްކަމަށްވާ ނިއު އެންޑް އިމަރޖިންގ ރެސްޕިރޭޓަރީ ވައިރަސް ތްރެޓްސް އެޑްވައިޒަރީ ގުރޫޕް (ނާވްޓެގް)އިންދަނީ ކޮރޯނާ ވައިރަހަށް އައިސްފައިވާ ބަދަލުތައް ދިރާސާތައް ކުރަމުންނެވެ. ކޮރޯނާވައިރަހުގެ މި އައު ބާވަތް މިވަގުތު ފެތުރެމުންދަނީ ޢިނގިރޭސިވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގައި ނަމަވެސް ކުރިއަށް އޮތްތަނުގައި މުޅި ޤައުމަށް މި ބާވަތުގެ އަސަރު ފޯރާނެކަމުގެ ބިރުވެރިކަން މިހާރުވަނީ ބޮޑުވެފައެވެ.

ނާވްޓެގުގެ މެންބަރެއްކަމަށްވާ އިމްޕީރިއަލް ކޮލެޖުގެ ޕްރުފެސަރ ނީލް ފާގަސަން ވިދާޅުވީ މި ބާވަތުގެ ސަބަބުން ކުޑަކުދިންނަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑުކަމުގެ ނިޝާންތައް ފެންނަމުންދާކަމަށެވެ. އެހެން ދިމާވާ ސީދާ ސަބަބު މިހާތަނަށް ޔަޤީންވެފައި ނުވިނަމަވެސް ތަފާސްހިސާބުތަކުން އެކަން ދައްކުވައިދޭކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19ގެ އައު ވައްތަރެއް ފެތުރޭތީ އެ ޤައުމުންވަނީ ބަލި ފެތުރޭ މިންވަރު މަދުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ. ގިނަ ޤައުމުތަކަކުންވަނީ އިނގިރޭސިވިލާތާއިއެކު އެ ޤައުމުތަކުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް، ވައިގެ ދަތުރުތައްވެސް މެދުކަނޑާލާފައެވެ.

ފޭހުނުއިލޮށި

ރާއްޖެޔައްވެސް އިނގިރޭސިން އައުން މަނާކުރަންޖެހޭ ކުރިޔައް މިއޮތް 3 އަހަރު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށާ ފަތުރުވެރިން ނުގެނައުމައް ސަރުކާރައް ގޮވާލަން