ދުނިޔެ

ޤަތަރުގައިވެސް ކޯވިޑް ވެކްސިންދޭން ފަށައިފި


ޤަތަރުގައިވެސް ކޯވިޑް-19ގެ ވެކްސިންދޭން ފަށައިފިއެވެ. އެޤައުމުގެ ރައްޔިތުންނަށް ދެމުން އަންނަނީ ފައިޒާޢާއި ބަޔޯއެންޓެކު ކުންފުނިން އުފައްދާފައިވާ ވެކްސިނެވެ. އެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ޤަތަރަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ޤަތަރުގެ ވެކްސިން ޕްރޮގްރާމުގެ ދަށުން އާންމުންނަށް ވެކްސިންދެނީ ހިލެއެވެ. އެ ޤައުމުގެ ހަތް ޞިއްޙީ މަރުކަޒެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ދެ ޑޯޒް ހިމެނޭ އެ ވެކްސިންގެ ފަހު ޑޯޒް ދޭތާ ތިން ހަފުތާ ފަހުންނެވެ.

ވެކްސިން ދިނުމުގެ ފުރަތަމަ ބުރު ކުރިއަށްދާނީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31ވަނަ ދުވަހާއި ހަމައަށެވެ. ޤަތަރުގައި ވެކްސިން ދިނުމުގައި އިސްކަންދޭނީ އުމުރުން ހަތްދިހަ އަހަރުން މަތީގެ މީހުންނަށާއި، ގިނަ ދުވަހަށް ބޭސްކުރަންޖެހޭ ބަލިތައް ހުންނަ މީހުންނަށާއި ކޯވިޑަށް ފަރުވާދިނުމުގައި ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނަށެވެ.

ޤަތަރުގައި ފުރަތަމަ ކޯވިޑް ވެކްސިން ދީފައިވަނީ އުމުރުން 79 އަހަރުގެ އަބްދުﷲ ކުބައިސީއަށެވެ. އޭނާއަކީ ޤަތަރު ޔުނިވަސިޓީގެ ކުރީގެ ރައީސެވެ.
ފައިޒާއާއި ބަޔޯއެންޓެކުގެ އިތުރުން މޮޑާނާގެ ވެކްސިން ގަތުމަށާއި އޮކްސްފޯޑް ޔުނިވަސިޓީއާއި އެސްޓްރަޒެނެކާ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ހޯދުމަށްވެސް ޤަތަރުންވަނީ އެއްބަސްވުންތައް ހަދައިފައެވެ. ޤަތަރުގެ ސަރުކާރުން ބުނީ މުޅި ޤައުމުގެ އާބާދީއަށް ބޭނުންވާ ވަރަށް އަންނަ އަހަރުގެ ތެރޭގައި ވެކްސިން ލިބޭނެކަމަށެވެ.

ޤަތަރުގައި މިހާތަނަށް 142،448 މީހުންނަށް ކޯވިޑް ޖެހި 243 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 149 މީހުންނަށެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ނަމަވެސް ތަހުލީލުކުރުން އިތުރުކޮށް ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ޤަތަރުގައި ބަލިފެތުރޭ ނިސްބަތް އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ދަށެވެ. އެ ޤައުމުގައި މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ މީހުންވަނީ ކޯވިޑަށް ތަހުލީލުކޮށްފައިއެވެ. އެއީ ގާތްގަނޑަކަށް އެ ޤައުމުގެ ޖުމްލަ އާބާދީގެ ދެބައިކުޅަ އެއްބައެވެ.