ޚަބަރު

ސުނާމީގެ ހިތްދަތިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން- ޝާހިދު


2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ބިރުވެރި އަދި ނުރައްކާތެރި ހާދިޘާއިން އަރައިގަނެވުނީ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމުގެ ސަބަބުންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ސުނާމީއަކީ ދިވެހި ތާރީހުގައި ދެކެފައިވާ އެންމެ ހިތްދަތި އެއްދުވަސް ކަމުގައެވެ. އެދުވަހު ދިވެހިރާއްޖެއިން ފެނިގެން ގޮސްފައިވަނީ ހަނގުރާމައިގެ ހާލަތްތަކުގައިވެސް ޤައުމުތަކުން ފެނިގެންދާނޭފަދަ ހިތްދަތި މަންޒަރުތަކެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އެތައްބައެއްގެ ގެދޮރާއި މުދާ ނެތިވެ، އެތައް ފުރާނައެއް ވަކިވެ ދިޔަކަމީ މިއަދުވެސް އެހިތާމަ ދިވެހިން ކުރަމުންދާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

ސުނާމީގެ ހިތްދަތި ދަނޑިވަޅުން އަރައިގަތުމަށް ބޭރުގެ އެކި ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ލިބިގެންދިޔަ އެހީތެރިކަމަކީ މިފަދަ ދުވަހެއްގައި ޝުކުުރުވެރިކަމާއިއެކު ފާހަގަކުރަންޖެހޭ ކަންތައްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސުނާމީ ހާދިސާއަށް 16 އަހަރު ފުރިގެންދާއިރު، ދުނިޔޭގެ އެކި ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމާއިކު ރާއްޖެއިން އެކަމުން އަރައިގަނެވިފައިވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަކަމުގެ ސަބަބުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"އެހިތްދަތިކަމާއި އެ ނުރައްކާތެރިކަމުން އަރައިގަތުމުގައި، ދިވެހިރާއްޖެ ހޯދި ކާމިޔާބީވެސް އަޅުގަނޑު ދުށިން. އެކާމިޔާބީގެ ފަހަތުގައިވާ ހަގީގީ މަސްދަރަކީ ކޮބައިކަންވެސް އަޅުގަނޑަށް އެގޭ. އެހަޤީޤީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން. އެއްބައިވަންތަކަން. ދިވެހި ރާއްޖޭގެ ރައްޔިތުން 26 ޑިސެމްބަރު 2004 ގައި އެދިމާކުރި ވަރުގަދަ ރާޅާއިއެކު އެއްބައިވެގެން އެކުވެރިވެގެން އެދިޔަ ދުވަހަށްވުރެ ގަދަޔަށް ދިވެހި ރައްޔިތުން އެއްބައިވި ދުވަހެއް ދިވެހި ރާއްޖޭގެ ތާރީހުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސުނާމީގެ ހިތްދަތި ދުވަސްތަކަށް 16 އަހަރު މިއަދު ވެގެންދާއިރު ދިވެހި ރާއްޖެއާއި، މުޅި ދުނިޔެ ކުރިމަތިލާފައިވަނީ މާނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާއިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑްގެ ނުރައްކާތެރި ވައިރަސްގައި ދުނިޔޭގެ އެތައް ބަޔަކު މަރުވެ، އެތައްބަޔަކު މިކަމުގެ ހިތްދަތިކަމުގައި އުޅެމުންދާކީ މިއަދު އޮތް އެންމެބޮޑު ގޮންޖެނުންކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިކަމުން އަރައިގަތުމަށްވެސް ދިވެހި ޚިދުމަތްތެރިން ދައްކަމުންދާ ހިތްވަރާއި، އެއްބައިވަންތަކަމަކީ ޝުކުރުވެރިކަމާއިއެކު ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް. މުޅި ދުނިޔޭގެ ހުރިހަ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި، އުޚުތުން އެނުރައްކަލުގައި އެވަބާގައި ޖެހި، އަޅުގަނޑުމެންނައި ވަކިވެ އަލްވަދާއު ކިޔާފައިވާ ސުނާމީއެއް. އެހެން ނަމަވެސް މިނުރައްކާތެރި ދަނޑިވަޅުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ވަރުގަދަ ހިތްވަރާއި، އެކުވެރިކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ސުނާމީ ހާދިޘާގައާއި، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލް އަޤުވާމީ ފަރާތްތަކަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް މިފަދަ ހިތްދަތިކަމުން އަރައިގަނެވުމުގައި ލިބުނު ބޭރުގެ އެހީތެރިކަމަކީ އަބަދުވެސް ދީލަތިކަމާއިއެކު ލިބެމުންދާ އެހީތަކެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.