ދުނިޔެ

ކޯވިޑްގެ އައު ވައްތަރު ފޯރާފައިވަނީ ކޮން ޤައުމުތަކަކަށް؟


މިދިޔަ ދެ ހަފްތާތެރޭ ކޯވިޑް-19ގެ ތިން ވައްތަރެއް ދުނިޔޭގެ އެކި ސަރަޙާއްދުތަކުންވަނީ ފެނިފައެވެ. އިނގިރޭސިވިލާތުން ފެނުނު ބަދަލު އައިސްފައިވާ ވައިރަހުގެ ވައްތަރަކީ ކުރިން ފެތުރެމުންދިޔަ ވައްތަރަށްވުރެ ބަލި ޖެއްސުމުގެ ބާރު 70 އިންސައްތަ ވަރުގަދަ ބާވަތެއްކަމަށް ސައިންސްވެރިން ހާމަކުރުމުން މުޅި ދުނިޔެވަނީ ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. ގިނަ ޤައުމުތަކުން އަނެއްކާވެސް މި ވަނީ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުކުރުން ހުއްޓާލާފައެވެ.
އިނގިރޭސިވިލާތުގެ އިތުރުން ދެކުނު އެފުރިކާއާއި ނައިޖީރިއާއިންވެސްވަނީ ވައިރަހުގެ އައު ދެ ވައްތަރެއް ފެނިފައެވެ. ފިޔަވަޅުތައް އަޅަމުންދާ ނަމަވެސް ވައިރަހުގެ އައު ވައްތަރުތައް ދުނިޔޭގެ އެކި ޤައުމުތަކަށްދަނީ ހަލުވިކަމާއިއެކު ފޯރަމުންނެވެ.

އޮސްޓްރޭލިއާ، ޑެންމާކް

ޑިސެމްބަރު މަހުގެ 21ވަނަ ދުވަހުގައި އޮސްޓްރޭލިއާއިންވަނީ އެ ޤައުމަށް އިނގިރޭސިވިލާތުން ދަތުރުކުރި ދެމީހުންނަށް ކޯވިޑްގެ އައު ވައްތަރު ޖެހިފައިވާކަމަށް ބުނެފައެވެ. އޭގެ އިތުރުން ބަދަލު އައިސްފައިވާ ވައިރަހުގެ ސަބަބުން ބަލިޖެހިފައިވާ ނުވަ މީހުން ޑެންމާކުން ފެނިފައިވާކަމަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވަނީ ބުނެފައެވެ.

ކެނެޑާ

ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުގައި ކެނެޑާގެ އޮންޓޯރިއޯ ޕްރޮވިންސުގެ ޞިއްޙީ އިދާރާއިންވަނީ އިނގިރޭސިވިލާތުން ފެނުނު ވައިރަހުގެ ބާވަތުގެ ސަބަބުން ބަލިޖެހިފައިވާ ދެ މީހުން އެ ޤައުމުން ފެނިފައިވާކަމަށް ބުނެފައެވެ. އެމީހުންނަކީ އެ ޕްރޮވިންސުގެ ޑާހަމްގައި ދިރިއުޅޭ ދެމަފިރިންކަމަށާއި އެ މީހުންނަކީ ފަހުގެ ތާރީޚެއްގައި އެއްވެސް ތަނަކަށް ދަތުރުކޮށްފައިވާ ބައެއް ނޫންކަމަށް ކެނެޑާއިން ބުންޏެވެ. އަދި އިނގިރޭސިވިލާތުގައި ފެތުރޭ ވައިރަސް ވާރުތަވުމަށް މަގުފަހިވާފަދަ އެއްވެސް ޙާލަތެއް އެމީހުންނަށް ކުރިމަތިވެފައިނުވާކަމަށް އެ ޤައުމުން ބުނެެއެވެ. އެހެންކަމުން މި މީހުންނަށް ބަލިޖެހުނު ގޮތަކާއި މެދުވަނީ ސުވާލު އުފެދިފައެވެ. މި ދެމީހުންވެސް މިހާރު ތިބީ އެކަހެރިވެގެންނެވެ.

ފަރަންސޭސިވިލާތް

ފަރަންސޭސިވިލާތުން ކޯވިޑް-19ގެ އައު ވައްތަރެއް ދެނެގަވެފައިވާކަމަށް ބުނީ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުގައެވެ. އެ ޤައުމުން ބަލި ފެނިފައިވަނީ ޑިސެމްބަރު މަހުގެ 19ވަނަ ދުވަހު އެޤައުމަށް ލަންޑަނުން ދަތުރުކުރި މީހެއްގެ ފަރާތުންނެވެ. އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށާއި ޓުއާސް ސިޓީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގައި އޭނާ ކަރަންޓީނުގައި ހުރިކަމަށް ފަރަންސޭސިވިލާތުން ބުނެއެވެ.

އިޓަލީވިލާތް

ވައިރަހުގެ އައު ވައްތަރެއްގެ ސަބަބުން ކޯވިޑް ޖެހިފައިވާ ދެވަނަ މީހަކު އިޓަލީން ފެނިފައިވަނީ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުގައެވެ. އެއީ އެ ޤައުމުގެ އެންކޯނާ ކިޔާ އަވަށެއް ކައިރިންނެވެ. ނަމަވެސް ބަލި ޖެހުނު މީހާއަކީ ވައިރަހުގެ އެ ބާވަތް ފެނުނު އިނގިރޭސިވިލާތާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. އެ ޤައުމުގެ ލެބޯޓްރީ ޑިރެކްޓަރު ސްޓެފާނޯ މެންޒޯ ވިދާޅުވީ ބަލިޖެހިފައިވާ މީހާއަށް ޖެހިފައިވަނީ އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަހުގެ އައު ބާވަތް ނޫންކަމަށެވެ.
އޭގެ ކުރިން ޑިސެމްބަރު މަހުގެ 20ވަނަ ދުވަހުގައި އިޓަލީވިލާތަށް އިނގިރޭސިވިލާތުން ދަތުރުކުރި މީހެއްގެ ގައިން ވައިރަހުގެ އައު ބާވަތްވަނީ ފެނިފައެވެ. ރޯމުގެ ފިއުމިސީނޯ ވައިގެ ބަނދަރަށް އައި އެ މީހާ މިހާރު ހުރީ ކަރަންޓީނުކޮށްފައެވެ.

ޖަޕާން، ލުބުނާން

ކޯވިޑްގެ އައު ވައްތަރެއް ޖެހިފައިވާ ބަޔަކު ޖަޕާނުން ފެނިފައިވަނީ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުގައެވެ. އެ ޤައުމުން ބަލި ފެނިފައިވަނީ އިނގިރޭސިވިލާތުން އެ ޤައުމަށް ދަތުރުކުރި ފަސް މީހެއްގެ ގައިންނެވެ. ޖަޕާނުން މިހާރުވަނީ އެޤައުމު ބޯޑަރުތައް ބަންދުކުރަން ނިންމާފައެވެ.

ލުބުނާނުން ވައިރަހުގެ އައު ވައްތަރު ފެނިފައިވަނީ އެ ޤައުމަށް ލަންޑަނުން އައި ފުލައިޓެއްގައި ދަތުރުކުރި މީހެއްގެ ގައިންނެވެ. މިޑްލް އީސްޓް އެއާލައިންސްގެ ފުލައިޓު 202 ލުބުނާނަށް ދަތުރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 21ވަނަ ދުވަހުގައެވެ. އެ ޤައުމުގެ ބެލެނިވެރި ސަރުކާރުންވަނީ އެ ފުލައިޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި އެމީހުންގެ ޢާއިލާތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.

ނެދަލެންޑްސް، ސިންގަޕޫރު

ނެދަލޭންޑުން ވައިރަހުގެ ބާވަތް ފެނިފައިވާކަމަށް ބުނީ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހުގައެވެ. ބަލިޖެހިފައިވާ ދެމީހުން ފެނިފައިވަނީ އެމްސްޓާޑަމް ސަރަޙައްދުންނެވެ.
ސިންގަޕޫރުން ވައިރަހުގެ ބާވަތް ފެނިފައިވާކަމަށް ބުނީ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހުގައެވެ. އެ ޤައުމަށް ނޮވެމްބަރާއި ޑިސެމްބަރު މަހުގެ 17 ވަނަދުވަހު އެތެރެވި މީހުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވި 31 މީހުންގެ ތެރެއިން އެކަކަށްވަނީ އައު ބާވަތުގެ ވައިރަހުން ބަލިޖެހިފައެވެ. އަދި އޭނާގެ ސަބަބުން އިތުރު 11 މީހަކަށް ބަލިޖެހިފައިވާކަމަށް އެ ޤައުމުން ޝައްކުކުރެއެވެ. އެކަން ޔަޤީންކުރުމަށް ހަދާފައިވާ ތަހުލީލުތަކުގެ ނަތީޖާ އަދި ނުލިބެއެވެ.

ސްޕެއިން

ބަދަލު އައިސްފައިވާ ވައިރަހުގެ ސަބަބުން ކޯވިޑް ޖެހިފައިވާ ހަތަރު މީހުން ސްޕެއިނުން ފެނިފައިވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. އެ ހަތަރު މީހުންނަކީވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމާއި ގުޅުންހުރި މީހުންކަމަށް އެ ޤައުމުން ބުނެއެވެ. އޭގެ އިތުރުން އައު ބާވަތުގެ ސަބަބުން ބަލިޖެހިފައިވާކަމަށް ޝައްކުކުރެވޭ އިތުރު ތިން މީހަކުވެސް ވަނީ ފާހަގަވެފައެވެ. އެމީހުންގެ ތަހުލީލުތައް ހަދާފައިވީ ނަމަވެސް ނަތީޖާ ލިބޭނީ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުގައެވެ.

ސްވިޑަން

އިނގިރޭސިވިލާތުން ސްވީޑަނަށް ދަތުރުކުރި މީހަކަށް ވަނީ ބަލިޖެހިފައެވެ. ސްވިޑަންގެ ސަރުކާރުން ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުގައި ބުނީ އޭނާ ބައްޔަށް ތަހުލީލުކުރުމުން އޭނާއަށް ބަލިޖެހިފައިވަނީ އިނިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަހުގެ ބާވަތުންކަން ޔަޤީންވެފައިވާކަމަށެވެ. އެމީހާ މިހާރު އެކަހެރިކޮށްފައިވާއިރު ބަލިޖެހިފައިވާ އިތުރު މީހަކު މިހާތަނަށް ފެނިފައި ނުވާކަމަށް ސްވިޑަން ސަރުކާރުން ބުނެއެވެ.

އިނގިރޭސިވިލާތް

އިނގިރޭސިވިލާތުން އައު ވައްތަރެއްގެ ވައިރަސް ޑިސެމްބަރު މަހުގެ 14ވަނަ ދުވަހު ފެނުނު ފަހުން މިހާތަނަށް 1،000އަށްވުރެ ގިނަ މީހުންނަށްވަނީ އެ ވައިރަހުގެ ސަބަބުން ބަލިޖެހިފައެވެ. ވައިރަހުގެ އައު ބާވަތެއް އެ ޤައުމުގައި ފެތުރެމުން ދަނިކޮށް ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުގައި އެ ޤައުމުންވަނީ ދެކުނު އެފުރިކާއިން ފެނުނު ވައިރަހުގެ އައު ބާވަތް އިނގިރޭސިވިލާތުން ފެނުނުކަން ހާމަކޮށްފައެވެ. ވައިރަސް ފެނުނު ދެމީހުންނަކީވެސްއޭގެ ކުރިން ދެކުނު އެފުރިކާއަށް ދަތުރުކޮށްފައިވާ ދެމީހުންކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.