ދުނިޔެ

ބޯޑަރުތައް އަދިވެސް ބަންދު، އުމްރާވެރިންގެ ހުރިހާ ހަރަދެއް ސަރުކާރުން


ބޯޑަރުތައް ބަންދުކުރުމަށް ސައުދީން ނިންމި ނިންމުން އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަންމާލަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ސަރަޙައްދީ ރޮނގުތައް ބަންދުކުރުމުން ތާށިވެފައި ތިބި މީހުން އެނބުރި ޤައުމަށް ދިޔުމުގެ އިންތިޒާމުތައް ސަޢުދީ ސަރުކާރުން އަންނަނީ ހަމަޖައްސާދެމުންނެވެ.

އިނގިރޭސިވިލާތުން ކޯވިޑްގެ އައު ބާވަތައް ފެނުނުމުން އެޅި ރައްކާތެރިކަމެއްގެ ފިޔަވަޅެެއްގެ ގޮތުން ސައުދީ ސަރުކާރުންވަނީ އެ ޤައުމުގެ ހުރިހާ ބޯޑަރެއް މިމަހުގެ 20 ވަނަދުވަހުން ފެށިގެން ހަފްތާއަކަށް ބަންދުކޮށްފައެވެ. އަދި އެއާއި އެކު އުމްރާއަށް މީހުން އެތެރެވުންވެސް އެ ޤައުމުން ވަނީ ހުއްޓާލާފައެވެ.

ސައުދީ ސަރުކާރުން ބުނީ ބޯޑަރުތައް ބަންދުވުމުން އެޤައުމުގައި ތާށިވި 300 އުމްރާވެރިންގެ ހުރިހާ ޒިންމާއެއް ސަރުކާރުން ނަގާނެކަމަށެވެ. އަދި އެމީހުން ތިބުމާއި ކެއުމުގެ ކަންކަން އެ މީހުން ގެނައި ޖަމާއަތްތަކާއި ގުޅިގެން ސަރުކާރުން ކުރަމުން ގެންދާނެކަމަށްވެސް ސައުދީން ބުނެއެވެ.

ސަޢުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މިމަހުގެ 8 ވަނދުވަހުން ފެށިގެން ވިލާތުގެ ޤައުމުތަކުން އެތެރެވެފައިވާ އެންމެން ދެ ހަފުތާގެ މުއްދަތަށް އެކަހެރިވެ ތިބުމަށްވަނީ އަންގައިފައެވެ. އަދި އެމީހުން ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު ކޯވިޑަށް ތަހުލީލުކުރަން ޖެހޭނެއެވެ. އަދި ކޯވިޑް އައު ވައިރަސް ފެތުރެމުންދާ ސަރަޙައްދަކަށް މީގެ ތިންމަސް ކުރިން ދަތުރުކޮށްފައިވާ މީހުން ބައްޔަށް ތަހުލީލުކުރުމަށްވެސް ވަނީ އަންގައިފައެވެ.

ސަޢުދީ ޢަރަބިއްޔާގައި މިހާތަނަށް 362،220 މީހުންނަށް ކޯވިޑް ޖެހި 6،185 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ވައިރަހުގެ އައު ވައްތަރު އެ ޤައުމުން ފެނިފައިވާކަމަށް މިހާތަނަށް އިޢުލާނުކޮށްފައެއް ނުވެއެވެ.