ދުނިޔެ

އެފްރިކާގައި ކޯވިޑްގެ އަދަދު މިލިއަނުން މައްޗަށް


ދެކުނު އެފުރިކާގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު އެއް މިލިއަން ހުރަސްކޮށް މައްޗަށް އަރައިފިއެވެ. ދެކުނު އެފުރިކާއިން އެންމެ ފުރަތަމަ ކޯވިޑް ފެނުނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިހާރު ފެނިފައިވާ ވައިރަހުގެ އައު ވައްތަރުވެސް މިހާރު އެފްރިކާގައި އަންނަނީ ފެތުރެމުންނެވެ.

ދެކުނު އެފްރިކާގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް މި އެރީ ހަލުވިކަމާއި އެކު ފެތެރޭ ކޯވިޑް ވައިރަހުގެ އައު ވައްތަރު އެޤައުމުން ފެނުނުކަން އިއުލާންކުރިތާ ކުޑަދުވެސްކޮޅެއްގެ ތެރޭގައެވެ.

ދެކުނު އެފުރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު ނުވަސަތޭކަ ހާހުން އެއްމިލިއަނަށް އަރަން ނެގީ އެންމެ ނުވަދުވަހެވެ. އޭގެ ކުރިން ބަލިޖެހިފައިވާ މީހުންގެ ޢަދަދު 800،000ން 900،000އަށް އިތުރުވުމަށް ނަގާފައިވަނީ ދެ ހަފުތާއެވެ.

ދެކުނު އެފުރިކާގެ ގިނަ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށްވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު ކުއްލިއަކަށް އިތުރުވާން ފަށައިފައިވާތީވެ އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިންގެ ޗުއްޓީތައްދަނީ ކެންސަލްކުރަމުންނެވެ.

ދެކުނު އެފުރިކާގައި ދުވާލެއްގެ މައްޗަށް ބަލިޖެހެމުންދާ މީހުންގެ ޢަދަދުވަނީ މިދިޔަ ޖުލައި މަހުގައި އެ ޤައުމުގެ ޙާލަތު އެންމެ ގޯސްވި ދުވަސްވަރަށްވުރެ ބަލިޖެހުނު މީހުންގެ ޢަދަދަށްވުރެ އިތުރުވެފައެވެ. އޭރު ދުވާލެއްގެ މައްޗަށް 14،000 މީހުންނަށް ބަލިޖެހެއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުގައިވެސް އެ ޤައުމުން ބަލިޖެހުނު މީހުންގެ އަދަދުވަނީ 14،706 އަރާފައެވެ. އެއީ މިހާތަނަށް އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަހެވެ.

ދެކުނު އެފުރިކާގެ އެންމެ ބޮޑު އެއް އަމިއްލަ ހަސްފަތާލު މެޑިކްލިނިކް އިންޓަނޭޝަނަލް ޕީއެލްސީން ބުނީ ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވުމުގެ ސަބަބުން މިވަގުތު ލިބެންހުރި ޞިއްޙީ ވަސީލަތްތަކަށް ބާރުބޮޑުވެފައިވާކަމަށެވެ. އިންސާނީ ވަޞީލަތްތަކުގެ އިތުރުން ހަސްފަތާލުގައި ލިބެންހުރި އެހެނިހެން ވަޞީލަތްތަކާއި އައިސީޔޫ އާއި ހައި ކެއާ ޔުނިޓުތައް ފުރިފައިވާކަމަށްވެސް އެ ހަސްފަތާލުން ބުނެއެވެ.

ކޯވިޑްގެ އައު ބާވަތް ދެކުނު އެފުރިކާގައި ފެތުރެން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. ކޯވިޑް ޖެހިގެން މިހާތަނަށް 26،735 މީހުންވަނީ ދެކުނު އެފުރިކާގައި މަރުވެފައެވެ.