ޚަބަރު

އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


އާއަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއިން ކޯވިޑް-19އަށް 47 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 25 މީހުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 22 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13,804 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 9 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13،150 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ މީހުންނެވެ.

އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2085 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ދެނެގަތުމަށް 318،789 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ 7 މާޗް 2020ގައެވެ. 2020 ނިމުނުއިރު ރާއްޖެއިން 13757 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.