ޓާކިޝް އެއަރލައިނުން ރާއްޖެއަށް ބާއްވާ ދަތުރުތައް އިތުރުކޮށްފިއެވެ.
ޓާކިޝް އެއަރލައިނުންވަނީ މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރެއް ބޭއްވުމަށް ނިންމާފައެވެ. ކުރިން އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން އައިސްފައިވަނީ ހަފްތާއަކު ދެ ދަތުރެވެ.
ކޯވިޑް19އާ ގުޅިގެން ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު ޓާކިޝް އެއަރލައިނުން އަލުން ދަތުރުތައް ފަށާފައި ވަނީ މިދިޔަ އޮގަސްޓުމަހުގެ ތެރޭގައެވެ. ޓާކިޝް އެއަރލައިނުން ރާއްޖެއަށް ދަތުުރުތައް ބާއްވަމުން ދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ތުރުކީގެ އިސްތަންބޫލާއި ދެމެދުއެވެ.
ޓާކިޝް އެއަރލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. ކޯވިޑް19އާ ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން ދިޔަ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައިވަނީ މާރޗް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މިދިޔަ ޖުލައިމަހު ޓާކިޝް އެއަރލައިނުން ވަނީ ޙާއްސަ ޕެސެންޖަރ ޕްލައިޓެއް ރާއްޖެއަށް ބާއްވާފައެވެ. މި ދަތުރަކީ އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކުރިން އަޖުމަ ބެލުމަށް ކުރި ދަތުރެކެވެ.
ކޯވިޑް19އާ ގުޅިގެން ޝެޑިއުލް ދަތުރުތައް ހުއްޓާލިނަމަވެސް ޓާކިޝް އެއަރލައިނުން ވަނީ ރާއްޖެއަށް ކާގޯ ދަތުރުތަކެއް ބާއްވާފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް ސިއްހީ ސާމާނު ގެނެސްފައިވާއިރު، ރާއްޖެއިން ބޭރަށް މަސްވެސް ވަނީ އެކްސްޕޯޓްކޮށްފައެވެ.
މިދުވަސްކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަނަށްވުމުން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތައް ވަނީ އިތުރުވެފައެވެ. އަދި ރާއްޖެއަށް ދަތުުރުތައް ބާއްވަމުން އަންނަ އެއަރލައިންތަކުންވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު މިދުވަސްކޮޅާ ދިމާކޮށް އިތުރުކޮށްފައެވެ.