ޚަބަރު

ދެއްވަދޫއަށް އެރި މީހަކުނަމަ އަވަހަށް ކަރަންޓީނުވެ ޓެސްޓްކުރޭ


ގއ.ދެއްވަދޫއިން 30 ނޮވެމްބަރ 2020ގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިއްޖެއެވެ.

އެޗްއީއޯސީން ވަނީ 30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޯވިޑް-19ގެ ބަލި ހުރިތޯ ޓެސްޓު ކުރުމަށްފަހު ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށާއި މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ވެސް ބޭރަށް ނުނުކުތުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވުމަށްވެސް އެޗްއީއޯސީން ވަނީ އެދިފައެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ވެސް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އެދިފައެވެ.

30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށްވެސް އެޗްއީއޯސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވެސް އެ ސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށްވެސް އެ ސެންޓަރުން ވިދާޅުވެއެވެ.