ޚަބަރު

ސިޓީ ހޮޓާ ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރާނީ ވަކި މުއްދަތަކަށް : އެޗްޑީސީ


އެސްޓީއޯ އިން ހުޅުމާލޭގައި އަޅަން ފެށި ސިޓީ ހޮޓާ އޮޕަރޭޓް ކުރާނެ ބަޔަކު ނުވެއްޖެނަމަ އެ އިމާރާތް އެހެން ކަމަކަށް ބޭނުންކުރަން ފަށާނެކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ސިޓީ ހޮޓާގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދިޔުމަށް މިދިޔަ އަހަރުގެ ޖުލައި މަހުވަނީ އެއްބަސްވެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީ އަށް ވެސް ލިބޭ ގޮތަށް އެސްޓީއޯއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ސިޓީ ހޮޓާގެ މަޝްރޫއު ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކިހާ މުއްދަތެއްކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި އެތަން އޮޕަރޭޓް ކުރާނެ ފަރާތެއް ނުލިބިއްޖެ ނަމަ އެހެން ކަމަކަށް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށްވެސް ސުޙައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ސިޓީ ހޮޓަލުގައި ކުރަން ޖެހޭ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމިފައިވާކަމަށާއި މިހާރު ކުރަން ޖެހޭނީ ފިނިޝިންގެ މަސައްކަތްތައްކަމަށެވެ. އަދި މިހާރު އެތަން ބޭނުން ކުރަމުން އަންނަނީ އެސްޓީއޯގެ ބައެއް މުދާތައް ބެހެއްޓުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭ ރަނގަޅު ލޮކޭޝަނެއްގައި އިމާރާތެއް އަޅާ ބޭނުން ނުކުރެވި ހުންނަތާ ވަރަށް ދުވަސްވެއްޖެ. އަޅުގަނޑުމެން މި ބަލަނީ ކައިރި މުސްތަގުބަލެއްގައި އެތަން ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ހުޅުމާލެއިން ބިމެއް އެސްޓީއޯއިން ހޯދީ 2007 ވަނަ އަހަރުއެވެ. އަދި ރެޑިސަން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެއްބަސްވުމެއް ޤާއިމްކޮށް ހޮޓާ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރުއެވެ.

ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. ނަމަވެސް ޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދިޔައީ މި ހޮޓާ ވިއްކާލުމުގެ މަސައްކަތްކުރަމުންނެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ހޮޓަލަކީ އެކި ފަންތީގެ 250 ކޮޓަރި ހިމެނޭ ހޮޓަލެއްކަމަށް ކުރިން އެކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލްއާއި އެހެނިހެން ޚިދުމަތްތައްވެސް މިހޮޓަލްގައި ހިމެނެއެވެ.