ހުޅުމާލޭގެ 2ވަނަ ފިޔަވަހީގައި ޢިމާރާތް ކުރަމުންއަންނަ މެދު ފަންތީގެ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީމެކް)އިން ހުޅުމާލޭގެ 2ވަނަ ފިޔަވަހީގައި މެދުފަންތީގެ 1،344 ފްލެޓް ދަނީ ޢިމާރާތްކުރަމުންނެވެ. ފްލެޓްތަކުގެ މަޢުލޫމާތުތައް ޙިއްސާކުރައްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މިފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ނިންމުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް ކޯވިޑް-19ގެ ސަބަބުން މަސައްކަތްތައް ނިންމުމަށް ދަތިތަކާ ކުރިމަތިވިކަމަށެވެ. އަދި މިދަތިތަކުން އަރައިގަނެ މަސައްކަތް ނިންމުމަށްޓަކައި އިތުރު 4 މަސްދުވަސް ބޭނުންވާކަމަށް އެމަސައްކަތް ކުރަމުން އަންނަކުންފުނިން ވިދާޅުވެފައިވާ ކަމަށެވެ.
ސުހައިލް ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ އެތެރޭގެ މަސައްކަތްތައްކަމަށެވެ.
"ކޮންކްރިކްޓްގެ މަސައްކަތްތައް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފައި. އިންޓީރީއާ މަސައްކަތްތައް މިހާރު ކުރަމުން އަންނަނީ. މިގޮތުން އެތެރޭގެ ފާރުތައް ރާނާ ސިމެންތިޖެހުމުގެ މަސައްކަތް ހިމެނޭ. މިހާރު މަސައްކަތް ދާ ސްޕީޑާއި ކޮންޓްރެކްޓަރުން މަސައްކަތް ނިންމާނެ ތާރީޚެއްގެ ގޮތުގައި މިއަހަރުގެ ނިޔަލަށް ވަނީ ދީފައި"އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވިއެވެ.
ހުޅުމާލޭގެ 2ވަނަ ފިޔަވަހީގައި ޢިމާރާތް ކުރަމުން އަންނަ މެދު ފަންތީގެ ފްލެޓްތަކުގައި 12 ފަންގިފިލައާއި 14 ފަންގިފިލާ ހިމެނެއެވެ. އަދި މި ފްލެޓްތަކުގައި މުޅިންވެސް ހުންނާނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި ފްލެޓްތަކުގައިވެސް ޕާކުކުރާނެ ތަންތަނާއި ކޮމާޝަލް ވިޔަފާރިތައް ކުރެވޭނެ އިންތިޒާމްވެސް ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މި ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 1،000 ފްލެޓް އަދި އޭގެ ފަހުން ވެސް ހުޅުމާލޭގައި 700 ފްލެޓްގެ މަޝްރޫއަކާއި ރާއްޖޭގެ އަތޮޅުތަކުގައި ވެސް ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތައް ހިންގި ކުންފުންޏެކެވެ. 2018ވަނަ އަހަރު މި ފްލެޓްތައް ޢިމާރާތްކުރުމަށް ހަވާލުކުރިނަމަވެސް އެމަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު ބަދަލުތަކާއެކު މަސައްކަތް އަލުން ފަށާފައިވަނީ 2019އަހަރުގެ މެދުތެރޭގައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ޢިމާރާތްކުރަމުން އަންނަ ފްލެޓްތަކުގެ އިތުރަށް ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް އަންނަނީ ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ޢިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ މެދުތެރޭ ނިމޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މީގެތެރޭގައި އެމްޕީއެލް، އެމްޑަބްލިއުއެސްސީއާއި އެމްއޭސީއެލްއާއި ސްޓެލްކޯގެ ފްލެޓްތައް ހިމެނެއެވެ. އަދި މިހާރު މި ކުންފުނުތަކުން އަންނަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓްތައް އެކުލަވާލައި އެ ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.