ޚަބަރު

ވެސްޓަން ސަހާރާއަކީ މޮރޮކޯގެ ބައެއް ކަމަށް ރާއްޖެއިން އަބަދުވެސް ޤަބޫލުކުރޭ - ފޮރިން މިނިސްޓަރ


ވެސްޓާން ސަހަރާ އަކީ މޮރޮކޯގެ ބައެއްކަމަށް ރާއްޖެއިން އަބަދުވެސް ގަބޫލުކުރާކަމަށާއި އެމައްސަލައިގަ މަޝްވަރާގެ އުސޫލުން ސުލްހަވެރި އެއްބަސްވުމަކަށް އައުމަށް ފޮރިން މިނިސްޓަރ ގޮވާލައްވައިފިއެވެ.

ފޮރިން މިނިސްޓަރ މިފަދައިން ގޮވާލެއްވީ "ވަރޗުއަލް މިނިސްޓީރިލއަލް އިން ސަޕޯޓް އޮފް ދަ އޮޓޮނޮމީ އިނީޝިއޭޓިވް އަންޑަރ މޮރޮކޯ ސޮވަރިންޓީ" ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ޝާހިދު ވަނީ ،ދެކުނު ސަހަރާ ސަރަހައްދަކީ މޮރޮކޯގެ އިހްތިޞާޞްގެ ދަށުގައިވާ ސަރަހައްދެއްކަމަށް ރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ. އަދި އދ.އާ ގުޅިގެން މޮރޮކޯއިން ދެކުނު ސަހަރާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެސްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މި މައްސަލައިގައި އދ.ގެ އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން ރާއްޖެއިން އަބަދުވެސް އެހީތެރިވާނެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި މޮރޮކޯ އަކީ ރަޙްމަތެރިކަމުގެ ގޮތުން ޒާމާންވީ ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށެވެ. މި ގުޅުމުގެ ދަށުން 2019 ވަނަ އަހަރު އެމަނިކުފާނު އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކި ރޮނގުރޮނގުން ގުޅުން ބަދަހިކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އިޤްތިޞާދީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި ތަރިކައާއި ޘަގާފަތްފަދަ ދާއިރާތަކުން ގުޅުން ބަދަހިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ސްޕެއިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ވެސްޓަން ސަހާރާ މޮރޮކޯއިން 1975 ވަނަ އަހަރު އެގައުމުގެ ބަޔަކަށް ހެދި ނަމަވެސް އެ ސަރަހައްދުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދެބަސްވުން ވަނީ އުފެދިފައެވެ. އެއީ އެ ސަރަޙައްދުގެ މިނިވަން ކަމަށް ތާއީދު ކުރާ ޕޮލިސާރިއޯ ފްރޮންޓާއި މޮރޮކޯގެ ސަރުކާރާ ދެމެދުގައެވެ. އެ މައްސަލައާ ގުޅިގެން 16 އަހަރުވަންދެން ހަނގުރާމަ ކުރި ނަމަވެސް އެ ދެ ފަރާތުން 1991 ވަނަ އަހަރު ހަމަލާތައް ހުއްޓާލަން އެއްބަސްވިއެވެ.