ޚަބަރު

ކޯވިޑް-19 : ޢަދަދުދައް މައްޗަށް، ނުރައްކަލުގެ ރަގަބީލުގެ އަޑު ގަދަވަނީ


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 87 މީހަކު ޕޮޒިޓިވްވެ، ކޯވިޑްގެ ނުރައްކާތެރިކަން އަނެއްކާވެސް ބޮޑުވާން ފަށައިފިއެވެ. މިއީ މިފަހުން އެންމެ ގިނަ އަދަދަކަށް އެއްދުވަހެއްގައި މީހުން ޕޮޒިޓިވްވި ދުވަހެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް ރާއްޖެއިން 87 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 32 މީހުން ޕޮޒިޓިވް ވެފައިވަނީ ސަން ސިޔާމްގެ އޮޅުވެލި ރިސޯޓުންނެވެ.

މާލެ ސަރަހައްދުން 30 މީހަކު ޕޮޒިޓިވްވެފައިވާއިރު 25މީހުން ޕޮޒިޓިވް ވެފައިވަނީ އަތޮޅުތަކުގެ ރަށްރަށާއި ސަފާރީތަކައި އެހެން ރިސޯޓުތަކުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 14،426 މީހުންނެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 31 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13،505 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 901 މީހުންނެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 68 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3،331 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 361،891 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ.