ޚަބަރު

ކަނޑޫފާތަކުގެ ސާމްޕަލް ކޮޗިން ޔުނިވަރސިޓީއަށް ފޮނުވައިފި


ރާއްޖޭގެ އެކި ސަރަޙައްދުތަކައި ހުރި ކަނޑޫފާތައް މަރުވާތީ އެކަން ދިރާސާކުރުމަށް ނެގި ސާމްޕަލްތައް އިންޑިއާގެ ކޮޗިން ޔުނިވާސިޓީއަށް ފޮނުވައިފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވިދާޅުވީ އިންޑިއާއަށް ފޮނުވި ސާމްޕަލްތަކަކީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ފޮނުވި ސާމްޕަލްތައްކަމަށެވެ. މިގޮތުން ރާއްޖޭގައި ކަނޑޫފާތައް ހުރި ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ 7 ސަރަޙައްދަކާއި މައްސަލައެއް ދިމާވެފައިނުވާ ކަނޑޫފަލަކުން ސާމްޕަލްތައް ނަގާ އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް ވަނީ ފޮނުވާފައެވެ.

ކަނޑޫފާތަކުގެ ސާމްޕަލްތައް ކޮޗިން ޔުނިވާސިޓީއަށް ފޮނުވީ ރަށްރަށުގައި ތިބި ވޮލެންޓިއަރުންނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީ ގުޅިގެން ކަމަށް އީޕީއޭއިން ވިދާޅުވެއެވެ. އީޕީއޭއިން ވިދާޅުވީ އުންމީދަކީ އެ ސާމްޕަލްތައް ނަގައިގެން ހަދާ ދިރާސާއިން ރާއްޖޭގެ ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަތުމާއި ގާތަށް އާދެވުންކަމަށެވެ.

ރާއްޖޭގައި އާދަޔާ ހިލާފު ބާރުމިނެއްގައި ކަނޑޫފާތައް މަރުވާކަން ފާހަގަކުރެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެ މައްސަލަ އެންމެ ފުރަތަމަ ފާހަގަ ކުރެވުނު ރަށްތަކުގެ ތެރޭގައި ހއ. ކެލާ އަދި ހދ. ނޭކުރެންދޫ ހިމެނެއެވެ.

އީޕީއޭއިން މީގެ ކުރިން ވަނީ ކަނޑޫފާތައް މަރުވާ މައްސަލައާ ގުޅިގެން ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މާހިރުންތަކަކާއެކު އޮންލައިން ބައްދަލުވުމެއްވެސް ބާއްވައި މަޝްވަރާކޮށްފައެވެ.