ޚަބަރު

އެންމެ ރަނގަޅު ގޮތަކީ އިންތިޚާބު ޖޫންމަހަށް ފަސްކުރުން: އިލެކްޝަން


ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިނުގައި ހުރި ބޮޑެތި ކަންބޮޑުވުން ފާހަގަކޮށް، އިންތިޚާބު ޖޫންމަހަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ދެ ތާރީޚަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތުން އޭޕްރީލް 3 ނުވަތަ 10 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޚާބުގެ ޚާއްސަ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިނާއިމެދު މިއަދު ބޭއްވި އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނާއި ސިޔާސީ ޕާޓީތަކުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފަޅުކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް މިހާރު ހަދާފައިވާ ގައިޑްލައިނާއެކު އިންތިޚާބު ބާއްވައިފިނަމަ، ދެވަނަ އިންތިޚާބެއް ބާއްވަން ޖެހުމަކީ ދުރުކަމެއް ނޫންކަމަށެވެ. އެގޮތުން އިންތިޚާބެއް ބޭއްވުމަށް ޤާނޫނުން މަތިކޮށްފައިވާ ހައްގުތައް ނުދީ އިންތިޚާބު ބޭއްވުމަކީ އިލެކްޝަނަށް ކުރެވޭނެ ކަމެއްނޫންކަމަށް ހަބީބު ވިދާޅުވިއެވެ. މިހާރު ގައިޑްލައިން އޮތްގޮތުން އިލެކްޝަންގެ މަންދޫބުންނަށް ޓްރެނިންގ ދޭންޖެހެނީވެސް އޮންލައިންކޮށް ކަމަށާއި، އޮންލައިންކޮށް މި އިންތިޚާބުގައި ޓްރެނިން ދިނުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި އިންތިޚާބުގައި ޕާޓީތަކަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުދެވޭނެ ގޮތަކަށް އިންތިޚާބު ބޭއްވުމާއި، އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި، ސިޔާސީ ޕާޓީތަކުން ރަށްރަށަށްދާ މީހުން 10 ދުވަހު ކަންރަންޓީންވާ ޖެހޭ ގޮތަށް އޮތް އޮތުމަކީވެސް ނުހަނު ބޮޑު ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުންވެސް ވަނީ އިންތިޚާބު ބޭއްވުމުގައި ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލާފައެވެ. އަދި މިހާރު އޮތް ގައިޑްލައިނާއިއެކު އިންތިޚާބު ބާއްވައިފިނަމަ ޤާނޫނީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ދައުލަތުން އިތުރު ޚަރަދުތަކެއް ކުރަންޖެހުމަކީ ގާތްކަމެއްކަމަށް ސިޔާސީ ޕާޓީތަކުން ވަނީ ފާހަގަކޮށްފައެވެ.

މިބައްދަލުވުމުގައި އެޗްޕީއޭއިން ވިދާޅުވީ މިގައިޑްލައިނަކީ ޑްރާފްޓެއް ކަމަށާއި، މިއަދު ކުރެވުނު މަޝްވަރާތަކާއެކު ހަމަހަމަ ފުރުސަތު ލިބޭނެ އިންތިޚާބެއް ބޭއްވުމަށް އެކުލަވާލައި ފައިނަލް ގައިޑްލައިންގައި ހާއްސަ އިސްކަމެއް ދޭނެކަމަށެވެ.

މިބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ މިހާރު އޮތް ހާލަތުގައި އިންތިޚާބު ބާއްވައިފިނަމަ ޤާނޫނީ ގިނަ ސުވާލުތަކެއް ކުރިމަތިވާއިރު، ރާއްޖެއަށް ވެކްސިން ލިބި އެންމެންނަށް ވެކްސިން ފޯރުކޮށް ދިނުމަށްފަހު އިންތިޚާބު ޖޫން މަހަށް ފަސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އަދި މިގޮތަށް ސިޔާސީ ޕާޓީތަކުން އެއްބަސްވެ އިތުރު މަޝްވަރާއަކަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ގޮވާލާފައެވެ.