ޚަބަރު

ޖެޓްސްކީގައި ފުރި ދެ ދިވެއްސަކު ގެއްލިގެން ހޯދަނީ


ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެއްސަކު ގެއްލިގެން އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ޖެޓްސްކީގައި ދަތުރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:05 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ދެމީހުންނަކީވެސް އެ ރިސޯޓުގެ މުވައްޒަފުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިދެމީހުން ޖެޓްސްކީގައި ނިކުތީ މަޖަލަކަށް ކަމަށާއި ދެމީހުންވެސް ތިބީ ލައިފް ޖެކެޓް އަޅައިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިދެމީހުންގެ ތެރެއިން އަންހެން މީހާ ދިޔައީ ފޯން ހިފައިގެން ކަމަށާއި އޭނާގެ ފޯނަށް ގުޅޭކަމަށާއި އެހެންނަމަވެސް ފޯނަށް ޖަވާބު ނުދޭ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މިދެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުންވެސް މިހާރު އަންނަނީ ކުރަމުންނެވެ.