ދުނިޔެ

ބްރެޒިލަށްވެސް އިންޑިއާއިން 2 މިލިއަން ޑޯޒް


ބުރެޒިލުގެ ސަރަޙައްދުތަކަށް އިންޑިޔާގައި އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ދެ މިލިއަން ޑޯޒް ފޮނުވަން ފަށައިފިއެވެ.
ބުރެޒިލުގެ ސަރުކާރުން ހިންގާ ފަޔޯކުރުޒް އިންސްޓިޓިއުޓުން ބުނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ކޯވިޑް ވެކްސިން ފޮނުވުމުގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށެވެ.

ވެކްސިން ފޮނުވުމުގެ މަސައްކަތް ފަށައިފައިމިވަނީ ކޯވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ޤައުމުގެ ރައީސް ޖައިޚް ބޮލްސޮނާރޯ އެދެވޭ ފިޔަވަޅުތައް އަޅުއްވާފައި ނުވާކަމަށް ބުނެ އާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަޔޯކުރުޒް އިންސްޓިޓިއުޓުން ބުނީ ބުރެޒިލުގެ އެކި ސަރަޙައްދުތަކަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ފަށާފައިވަނީ ވެކްސިން ފޮނުވުމަށް މީގެ ކުރިން ފަށާފައިވާ މަޝްރޫޢަށް ގިނަ ލަސްތަކެއް ކުރިމަތިވުމަށްފަހުގައި ކަމަށެވެ. އެސްޓްރަޒެނެކާއާއިއެކު ބުރެޒިލުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޭރު ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައި އޮތްނަމަވެސް ލަސްތަކެއް މެދުވެރިވީ ޗައިނާއިން ފޮނުވާ ވެކްސިންގެ އެކްޓިވް އިންގްރީޑިއެންޓެއް ނުލިބި ލަސްވުމުންނެވެ.

އެ އެއްބަސްވުމުގެ ދަށުން ބުރެޒިލުގައި ވެކްސިންގެ 100 މިލިއަން ޑޯޒު ތައްޔާރުކުރުމަށް އެ ޤައުމުން ކުރިންވަނީ އުންމީދުކޮށްފައެވެ. ބުރެޒިލުގެ ރައީސް ބޮލްސޮނާރޯވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ސިޓީއެއް ފޮނުއްވައި އެސްޓްރަޒެނެކާގެ ވެކްސިންގެ ތައްޔާރުކޮށްފައިހުރި ދެ މިލިއަން ޑޯޒް ބުރެޒިލަށް ލިބޭނޭ އިންތިޒާމް ހަމަޖައްސަވައިފައެވެ.

ސައޯ ޕައުލޯގެ ބުޓަންޓަން އިންސްޓިޓިއުޓާއި ގުޅިގެން އުފައްދާފައިވާ ސިނޯވެކް ބަޔޯޓެކްގެ ވެކްސިންވެސް މިދިޔަ ހަފުތާތަގައި ވަނީ ބަހަން ފަށާފައެވެ. އެ ވެކްސިން ފޯރުކޮށްދިނުމުގައިވެސް ގިނަ ލަސްތައްވަނީ ކުރިމަތިވެފައެވެ.

ބުރެޒިލުގައި މިހާތަނަށް 8.8 މިލިއަން މީހުންނަށް ކޯވިޑް ޖެހި 216،475 މީހުން މަރުވެފައިވާއިރު، އެ ޤައުމު އޮތީ ބަލީގެ ސަބަބުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ޤައުމުގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑަށް ބާރު ބޮޑުވެ، ހަސްފަތާލުތައްދަނީ ފުރެމުންނެވެ. ހަސްފަތާލުގައި ލިބެންހުރި ވަޞީލަތްތައްވެސްވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.