ވިޔަފާރި

އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކެމްޕެއިނެއް


އެމްއެމްޕީއާރުސީން އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި ކަމަށްވާ ތޯމަސްކުކްއާއެކު ޖޮއިންޓް މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ 3 މަސްދުވަހަށް އިންޑިއާ މާކެޓަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ މިކެމްޕެއިނުގައި އިންޑިއާގެ ފަތުރުވެރިން ދިވެހިރާއްޖެ އައުމަށް ޝައުގުވެރިކަން އުފައްދައި، އެޤައުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށެވެ. އަދި ތޯމަސް ކުކް އިންޑިއާގެ އޮންލައިން ޗެނަލްސްތައް މެދުވެރިކޮށް ރާއްޖެ އަކީ މަޤުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މި ކެމްޕެއިނާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވިދާޅުވީ ތޯމަސްކުކްއާއެކު ޖޮއިންޓް މާކެޓިން ކެމްޕެއިން ފަށާފައިވަނީ އިންޑިއާ މާކެޓްގައި އެންމެ ބޮޑު އޮޕަރޭޓަރަށްވުމުގެ އިތުރުން އިންޑިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަށް ވާތީ ކަމަށެވެ.

"މި ކެމްޕެއިންގެ ސަބަބުން އިންޑިއާއިން އަންނަ ފަތުރުވެރިން ގެ އަދަދު ކުރިއަށްއޮތް ތަނުގައި އިތުރުވެގެން ދާނެކަމަށް އުންމީދުކުރެވޭ. ރާއްޖެ އަކީ ހަމައެކަނި ހަނީމޫން މަންޒިލެއް ނޫން. އެކި ފަންތީގެ ފަތުރުވެރިންނަށް ދިވެހިރާއްޖެ އިން ތަފާތު ތަޖުރިބާ ތަކެއް ލިބެން އެބަހުރި، އެގޮތުން މި ކެމްޕެއިނުގެ ސަބަބުން އިތުރަށް އިޝްތިހާރުވެގެންދާނެ" ތޮއްޔިބު މުޙައްމަދު ވިދާޅުވިއެވެ.

ތޯމަސްކުސްއަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ކުންފުންޏެވެ. ތޯމަސްކުކް އިން އަންނަނީ އިންޑިއާގައި ޓްރެވަލް ސާރވިސް އަދި މައިސްގެ ޚިދުމަތްތައްވެސް ކަމިޔާބުކަމާއިއެކު ދެމުންނެވެ.

ޓީ.ޓީ.ޖީ. ޓްރެވަލްސް އެވޯޑްސް 2019ގައި "ދަ ބެސްޓް ޓްރެވަލް އެޖެންސީ" ގެ އެވޯޑް ތޯމަސްކުކް އިންޑިއާއަށް ވަނީ ލިބިފައެވެ. މީގެއިތުރުން ޓައިމްސް ޓްރެވަލްސް އެވޯޑްސް 2018 އަދި 2019ގައި "ދަ ބެސްޓް އައުޓް ބައުންޑް ޓުއާ އޮޕަރޭޓާ"ގެ އެވޯޑްސް ލިބިފައެވެ.

މި ކެމްޕެއިނާއި ގުޅިގެން ތޯމަސްކުކް އިންޑިއާގެ ކަންޓްރީ ހެޑް ރާޖީވް ކޭލް ވިދާޅުވީ ދިވެހިރާއްޖެ އިންޑިއާ މާކެޓްގެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީންް ތޯމަސްކުކް އިންޑިއާ ޚިޔާރުކުރީތީ އުފާ ކުރާކަމަށާއި އަދި ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން އަބަދުވެސް ޒިޔާރަތްކުރަން ބޭނުންވާ ޤައުމެއް ކަމަށެވެ. އަދި މިކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް 2020 ވަނަ އަހަރު ނިމުނުއިރު ދިވެހިރާއްޖެއަށް ވަނީ ފަސްލައްކަ ފަތުރުވެރިން ޒިޔާރަތް ކޮށްފައައެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު އިންޑިއާއިން ވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައި ވެފައެވެ. މި ލިބުނު ކުރިއެރުމާއި އެކު އެމްއެމްޕީއާރުސީން ދަނީ އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ތަފާތު ކެންޕެއިންތަކެއް ފަށާފައެވެ.