ދުނިޔޭގެ އެންމެ ފަޤީރު ގޭބިސީތަކަށް ލިބޭ އާމްދަނީގެ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފައިދާ 75 ޤައުމެއްގައި ދިރިއުޅޭ 92 މިލިއަނެއްހާ މީހުންނަށް ކުރަމުންދާކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ.
ވޯލްޑު ބޭންކުން މިކަން ހާމަކުރި ރިޕޯޓު ޝާޢިއުކޮށްފައި މިވަނީ ކޯވިޑްގެ ސަބަބުން 100 މިލިއަނަށްވުރެ ގިނަ މީހުން އެންމެ ފަޤީރު ޙާލަތަށް ވެއްޓޭނެކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ފަޤީރުންގެ ނިސްބަތް އިތުރުވާ ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފަޤީރު ޙާލަތުގައި ދިރިއުޅުމެންދާ މީހުންގެ އަދަދު މިހާރުވަނީ މިވަގުތު 700 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އެމީހުންނަކީ ދުވާލަކު 1.90 އެމެރިކާ ޑޮލަރަށްވުރެ ދަށް އާމްދަނީއެއް ލިބިގެން ދިރިއުޅޭ މީހުންނެވެ. ވޯލްޑު ބޭންކުން ތައްޔާރުކޮށްފައިވާ ސްޓޭޓް އޮފް އިންކްލޫޝަން ރިޕޯޓުގައި އެ އިދާރާއިން ބުނީ އެންމެ ފަޤީރު ޙާލަތުގައި ދިރިއުޅެމުންދާ މީހުންގެ ޙާލަތު ރަނގަޅުކުރުމަށް ހިންގަމުންދާ މަޝްރޫޢުތައް ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
ވޯލްޑު ބޭންކުގެ ޑިވެލޮޕްމަންޓް ޕޮލިސީ އެންޑް ޕާޓްނާޝިޕްސްގެ މެނޭޖިންގ ޑިރެކްޓަރ، މާރީ ޕަންގެސްޓޫ ވިދާޅުވީ ތަރައްޤީ ގެނައުމުގައި ދުނިޔެއިން ކުރިމަތިލަމުންދާ އެންމެ އުނދަގޫ އެއް ގޮންޖެހުމަކީ އެންމެ ފަޤީރު އަދި ނާޒުކު ޙާލަތުގައި ދިރިއުޅޭ މީހުންގެ ޙަޔާތަށް ހެޔޮ ބަދަލެއް ގެނައުންކަމަށެވެ. ކޯވިޑްގެ ސަބަބުން އެ މަސައްކަތް އިތުރަށް އުނދަގޫވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ފަޤީރުކަން ނައްތާލުމަށް ދުނިޔޭގައި ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ވޯލްޑު ބޭންކުގެ ރިޕޯޓުގައި މުރާޖަޢާކޮށްފައިވާކަމަށެވެ. އަދި އިޖުތިމާޢީ ރައްކާތެރިކަމާއި ވަޒީފާތަކަށާއި މާލީ ބައިވެރިކުރުމަށް ސަރުކާރުތަކުން އިންވެސްޓު ކުރެވިދާނެ ގޮތްތައް ރިޕޯޓުގައި އަލިއަޅުވާލާފައިވާކަމަށެވެ.
2020ވަނަ އަހަރުގެ ތެރޭގައި އެކުލަވާލާފައިވާ ވޯލްޑު ބޭންކުގެ ރިޕޯޓުގައި 75 ޤައުމެއްގައި ހިންގާފައިވާ 200އަށްވުރެ ގިނަ ޙަރަކާތާއި ގުޅޭ މަޢުލޫމާތުވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރެއިން ގިނަ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާއި ގުޅިގެންނެވެ.
އެ ދިރާސާތަކުން ދެއްކި ގޮތުގައި ފަޤީރުކަން ނައްތާލުމަށް އަމާޒުކޮށް ސަރުކާރުތަކުން ހިންގާ ޙަރަކާތްތައްދަނީ އިތުރުކުރަމުންނެވެ. އަދި އެފަދަ ޙަރަކާތްތައް ހިންގަމުންދަނީ އިޖުތިމާޢީ ސޭފްޓީ ނެޓުތަކުގެ ދަށުންކަންވެސްވަނީ ފާހަގަވެފައެވެ. އޭގެ ތެރެއިން ގިނަ ޙަރަކާތްތައް އަމާޒުކޮށްފައިވަނީ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ ބުރެކުގެ ސީނިއާ ޑިރެކްޓަރު ޝަމެރަން އާބެދު ވިދާޅުވީ ސަރުކާރުތަކުން ހިންގާ އެފަދަ ޙަރަކާތްތަކުގެ އަމާޒަކީ އެންމެ ފަޤީރު ޙާލަތުގައި ދިރިއުޅޭ މީހުން ފައިދާ ހުރި މަސައްކަތެއް ކުރުމަށް ބާރުއެޅުންކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ކަންކަން ދަސްކޮށްދިނުން ހިމެނެއެވެ. އޭނާ ވިދާޅުވީ އެފަދަ ޙަރަކާތްތަކުން 2 އަހަރު ދުވަހުގެތެރޭގައި ފަގީރުކަމުން އަރާގަތުމަށް އެހީތެރިކަން ލިބިގެންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކޯވިޑުން އަރައިގަނެވުމުން އާމްދަނީ ލިބޭނެ ރަނގަޅު މަގުތައް ފަޤީރުންނަށް ދެއްކުން މުހިންމުކަމަށްވެސް އެނާ ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވަނީ ފަޤީރުންނަށް އެހީތެރިވުމުގެ ޙަރަކާތްތައް އިތުރަށް ފުޅާކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައިފައެވެ. އެގޮތުން ދެމެހެއްޓެނެވި ގޮތެއްގައި އެ މަސައްކަތްތައް ކުރުމަށް ހުރި މާލީ ގޮންޖެހުންތަކާއި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކަންބޮޑުވުންތައް ހިމެނެއެވެ.