ޚަބަރު

ކޯވިޑް-19 : ބަލިމީހުން އެޑްމިޓްކުރުން މެދުކަނޑާލައި އޭޑީކޭގެ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނެެސްފި


ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް އިތުރަށް ގޯސްވެ ރާއްޖޭގައި މިބަލި ފެތުރޭ މިންވަރު އިތުރުވަމުން ދާތީ އޭޑީކޭ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.

މިބަދަލުތައް ނެގައީ ކޯވިޑް-19 ފެތުރެމުންދާ މިންވަރު އަނެއްކާވެސް އިތުރުވަމުންދިއުމާއެކު އެހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީނުގައި ބައިތިއްބަން ޖެހިފައިވާތީކަމަށް އޭޑީކޭއިން ވިދާޅުވެއެވެ.

ޚިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މިއަދުން ފެށިގެން އެހޮސްޕިޓަލުގެ ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަން ތައް އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި އިލެކްޓިވް ސާރޖަރީތައް މިވަގުތައް މެދުކަނޑާލުމަށާއި ބަލިމީހުން އެޑްމިޓްކުރުންވެސް މިވަގުތައް މެދުކަނޑާލުމަށް އެޑީކޭ ހޮސްޕިޓަލުންވަނީ ނިންމާފައެވެ. އަދި މިވަގުތު އެޑްމިޓްކޮށްފައިވާ ބަލިމީހުންނަން ޒިޔާރަތްކުރުމުގެ ފުރުސަތެއްވެސް މިހާރަކު ނެތެވެ.

އެހެންނަމަވެސް ހޮސްޕިޓަލުގެ އިމަރޖެންސީގެ ޚިދުމަތްތަކާއި އިމަރޖެންސީގައި އެޑިމިޓްކޮށްގެން ދޭންޖެހޭ ޚިދުމަތްތަކާއި ޑައިގްނޯސްޓިކް ޚިދުމަތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. .

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ދިނުމަށް އޭޑީކޭއިންވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި ހޮސްޕިޓަލަށްދާން ޖެހިއްޖެ ޙާލަތެއްގައިވެސް އެކަނި ދިއުމަށް، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަމީހުން ނުގެދިއުމަށް އެހޮސްޕިޓަލުން އިލްތިމާސްކުރެއެވެ. މީގެއިތުރުން ޚިދުމަތް ހޯއްދަން ދާހާލަތްތަކުގައި ރަނގަޅުގޮތުގައި މާސްކު އަޅައި، ހޮސްޕިޓަލުގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒަރ ބޭނުންކުރެއްވުމަށްވެސް އޭޑީކޭއިން އިލްތިމާސް ކުރެއެވެ.