ޚަބަރު

މަސައްކަތް ކުރާނީ ޒުވާން އާ ލީޑަރޝިޕަކަށް ފުރުޞަތު ތަނަވަސް ކުރުމަށް: އިމްރާން


އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީއާއިއެކު އެންމެބޮޑު އިސްކަމެއް ދެއްވާނީ ޒުވާން ލީޑަރޝިޕަކަށް ފުރުޞަތު ފަހިކުރުމަށް ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިމްރާން ވިދާޅުވީ މި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށްވެސް ނަމޫނާ އިންތިޚާބެއްކަމަށެވެ.

އަދާލަތު ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން އެޕާޓީގެ ރައީސްކަމަށް 3 ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަދާލަތު ޕާޓީއަކީ ސިޔާސީ ކަންކަމުގައި މިހާރަށްވުރެ ހަރުދަނަކަމާއިއެކު މަސައްކަތް ކުރާނެ ޕާޓީއަކަށް ހައްދަވާނެކަމަށެވެ. އަދި އަމާޒަކީ ޕާޓީގެ ކޮންގްރެސް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ބާއްވައި މުޅިން ޒުވާން ޤާބިލް ބޭފުޅުންނަަށް ޕާޓީގެ ލީޑަރޝިޕުން ޖާގަ ދެއްވުންކަމަށެވެ. އަދި އަންހެން ބޭފުޅުންނަށްވެސް ޕާޓީގެ އިސްސަފުން ޖާގަ ދިނުމަކީ އަމާޒެއްކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ތާރީޚީ އިންތިޚާބެއްކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެގޮތުން މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް އީވޯޓިން ތަޢާރަފްކޮށް، އީވޯޓިންގެ ނިޒާމަކުން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަމުން މިއީ ލިބިގެންދިޔަ ވަރަށްބޮޑު ޝަރަފެއްކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އީވޯޓިންއަށް ތައްޔާރުވުމަށާއި، ވޯޓުލުމަށް ދިމާވި ދަތިތަކާއިއެކު އިންތިޚާބުގައި ވޯޓުލީ ނިސްބަތް މަދުވި ނަމަވެސް އިންތިޚާބުގައި މެމްބަރުންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަ ރޫހަށްޓަކައި މިނިސްޓަރ އިމްރާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އިންތިޚާބުގައި ވާދަވެރި ކެންޕެއިނެއް ކުރެއްވިނަމަވެސް އެއްވެސް ބޭފުޅަކު އަނެއް ބޭފުޅެއްގެ ޒާތީކަންކަމާއި، ދިމާކުރުމުގެ ގޮތުން ބަހުގެ ހަމަލާދީ ކަންކަން ކޮށްފައިނުވާކަމީ އަދާލަތު ޕާޓީގެ މެމްބަރުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ޑިމޮކްރަސީގެ ރީތި މިސާލު ދައްކުވައިދޭ ކަމެއްކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިންތިޚާބު ނާކާމިޔާބުން ވީނަމަވެސް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަކީ ޕާޓީގެ ލީޑަރޝިޕްގެ އިސްދައުރެއް އަދާކުރައްވާ ބޭފުޅަކަށްވުމުން ކުރިއަށް އޮތް ތަނުގައިވެސް ޒާހިރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި އެމަނިކުފާނުގެ ރަނިންމޭޓް އަޙްމަދު ޝަރީފަށް 921 ވޯޓު ލިބިވަޑައިގެންފައިވެއެވެ. މިއީ ވޯޓު ލީމީހުންގެ ނިސްބަތުން ބަލާނަމަ 84.65 އިންސައްތަ ވޯޓެވެ. ޝައިޚް އިމްރާނަކީ މިހާރުވެސް އަދާލަތު ޕާޓީގެ ރައީސެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ.