ކޯވިޑް-19 ޖެހިފައިވާ ފަތުރުވެރިންނާއި މުވައްޒަފުން އައިސޮލޭޓްކުރުމަށްޓަކައި ގެސްޓްހައުސްތައް ހޯދަން ފަށައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވަނީ ކޯވިޑް-19ގެ މިހާލަތާއި ގުޅިގެން މުވައްޒަފުންނާއި ފަތުރުވެރިން އައިސޮލޭޓްކޮށް ކަރަންޓީން ކުރުމަށްޓަކައި 3 ތަނެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ޚާއްސަ 3 ތަނެއް ކަނޑައަޅަން ނިންމާފައިވާކަމަށެވެ. މިގޮތުން މިތަންތަނުގައި ބޭތިއްބުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާއި އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަތުރުވެރިންނާއި މުވައްޒަފުންނެވެ.
ޓުއަރިޒަމް މިނިސްޓްރީން ވަނީ މިހާލަތުގައި ކަރަންޓީން ފެސިލިޓީގެ ގޮތުގައި ގެސްޓްހައުސްތައް ހަމަޖައްސައިދިނުމުގެ ފުރުޞަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.
ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ދުވަސްވަރުވެސް ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ޕޮޒިޓިވްވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުން ވަނީ ރިޒޯޓްތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި ކަރަންޓީންކޮށްފައެވެ.
ކޯވިޑްގެ ކޭސްތައް ރާއްޖެއިން މަދުވާން ފެށިނަމަވެސް މިއަހަރު ފެށުނީއްސުރެ ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި މީގެ ތެރެއިން ރިޒޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ކޮންޓެކްޓުންގެ އަދަދުވެސް އިތުރުވަމުން އާދެއެވެ. މިގޮތަށް ކޮންޓެކްޓްވާ މީހުންނާއި ޕޮޒިޓިވްވާ މީހުން ބައިތިއްބަނީ އެ ރިޒޯޓެއްގައި ކަނޑައަޅާ ވަކި ސަރަހައްދެއްގައެވެ.
ރިޒޯޓްތަކުން ކޭސްތައް އިތުރުވުމާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށްދާ މުވައްޒަފުންވެސް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރަންޖެހޭގޮތަށް ކަނޑައަޅާފައެވެ. މިގޮތުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ރިސޯޓްތަކާއި ތަފާތު މެނޭޖްމަންޓްތަކުގައި ހިންގާ ރިސޯޓްތަކުންވެސް، އެއް ރިސޯޓުން އަނެއް ރިސޯޓަށް މުވައްޒަފުންދާނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ. އަދި މަސައްކަތަށް ނިކުމެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ނެގެޓިވް ޕީސީއާރު ނަތީޖާއެއް ލިބުމުންނެވެ.
ރިސޯޓްތަކުން ފެންނަ ގިނަ ކޭސްތަކުގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ރިސޯޓް މުވައްޒަފުންނެވެ. ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވަނީ ގައިޑްލައިންގައި ހުރި ކަންކަމަށް އެންމެ އެކަށީގެންވާ ގޮތުގައި އަމަލުކުރާނަމަ ރިސޯޓްތަކުން ފެންނަ ކޭސްތަކުގެ އަދަދު ދަށްވާނެކަމަށެވެ. ނަމަވެސް ބައެއް ރިޒޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބަލީގެ އަލާމާތް ހުރިނަމަވެސް އެކަން ސިއްރުކުރާކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެކަން ކަމާބެހޭ ފަރާތަށް އެންގުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.