ޚަބަރު

ކޯވިޑް ވެކްސިން ސިޔާސީ ނުކުރުމަށް އިލެކްޝަންސްއިން އިލްތިމާސްކުރައްވައިފި


ކޯވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިންއާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުއްވުމަށާއި އަދި މިވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑް-19ގެ ވެކްސިންއާއި ގުޅޭގޮތުން ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ކުއްވެރިކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، ދިވެހިރާއްޖޭގައިވެސް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާއިރު، ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަދެއްކެވުމަކީ، ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ.

އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި، އިންތިޚާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮތުމަކީ އިންތިޚާބުގެ ވޯޓާރސް ޓާންއައުޓް މަތިވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިޚާބަށް ލިބިގެންދާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނު ވަނީ ކޯވިޑް-19 އާއި އެއިން ރައްކާތެރިވުމަށް ދެވޭ ވެކްސިންއާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުއްވުމަށާއި މި ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.