ޚަބަރު

މަތިވެރިން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި 47 މީހެއްގެ ސާމްޕަލް ނަގައިފި


އއ.މަތިވެރިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ޕޮޒިޓިވްވި ކޭސްތަކާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ނަގައިފިއެވެ.

މަތިވެރީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި އިތުރު 2 މީހެއްގެ ސާމްޕަލްވެސް ކޯވިޑްއަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ. ފަހުން ޕޮޒިޓިވެފައިވަނީ އެރަށު ސްކޫލުގައި ކިޔަވާ ދަރިވަރަކާއި، ކުޑަކުއްޖެކެވެ.

މަތިވެރި ކައުންސިލުން ވިދާޅުވީ އެކުދިންނާއި ކޮންޓެކްޓްވި 47 މީހެއްގެ ސާމްޕަލެއް ރޭ ނަގާފައިވާކަމަށެވެ. ރަށް މޮނިޓަރިންއިން ނަގާނީ ސާމްޕަލްތަކުގެ ނަތީޖާ ލިބޭ ގޮތަކުންކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވާކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ޕޮޒިޓިވްވި ކުއްޖާ ވަނީ ސްކޫލަށްވެސް ގޮސްފައެވެ. މިވަގުތު ރަށު ސްކޫލުވެސް ބަންދުކޮށް، ކެފޭ ރެސްޓޯރެންޓާއި، ފިހާރަތައްވެސް ބަންދުކޮށްފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މަތިވެރި ހިމެނޭހެން މިވަގުތު މޮނިޓަރިންގެ ޙާލަތަށް ރާއްޖޭގެ 4 ރަށެއް ވަނީ ލާފައެވެ. އެރަށްތަކަކީ ގއ. ދެއްވަދޫއާއި، މ. ކޮޅުފުށި އަދި ހއ. މުރައިދޫއެވެ.