ޚަބަރު

ތިން ބާރުގެ ވެރިން ވެކްސިން ޖައްސަވައި، ނަމޫނާ ދައްކަވައިފި


ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކޯވިޑް-19ގެ ވެކްސިން ޖައްސަވައި، ރައްޔިތުންނަށް ނަމޫނާ ދައްކަވައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިއަދު ފެށި ވެކްސިން ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ވެކްސިން އެންމެ ފުރަތަމަ ޖައްސަވައި ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވަނީ ދައުލަތުގެ ވެރިންނެވެ. ދައުލަތުގެ ވެރިންގެ ތެރެއިން ތިންބާރުގެ ވެރިންގެ ގޮތުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު މުއުތަސިމް އަދުދާނުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ވެކްސިނާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދައި ވެކްސިންނާމެދު ނުބައި މައުލޫމާތުތަކެއް ދިން ނަމަވެސް ރައްޔިތުންނަށް ވެކްސިންގެ އިތުބާރު ދެއްވައި، އެންމެ ފުރަތަމަ ދައުލަތުގެ ވެރިން އިސްނެގިކަމީ ރައްޔިތުންނަށް ވެކްސިނާއިމެދު ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. ދައުލަތުގެ ވެރިންގެ ތެރެއިން ވަޒީރުންނާއި، ސިޔާސީ އިސްބޭފުޅުންވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންވެސް ހިމެނެއެވެ. އެގޮތުން އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. ވެކްސިންގެ ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ފްރަންޓް ލައިންގައި ތިއްބެވި އެންމެ އިސް ޑޮކްޓަރުންވެސް ހިމެނެއެވެ.

ވެކްސިންގެ ޕްރޮގުރާމު މިއަދު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ވެކްސިންގެ މަރުހަލާތައް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ މެދު ނުކެޑި ވެކްސިންގެ މަރުހަލާ ކުރިއަށް ގެންގޮސް ރައްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށް ދިނުންކަމަށެވެ. ރައީސް ޞާލިހުވަނީ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެއްސެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ވެކްސިން ޖަހަން ފަށާފައިވާއިރު ފުރަތަމަ ވެކްސިން ޖަހާނީ ކުރީ ސަފުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އިސްކަން ދީގެންނެވެ. ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ދޭން ފަށާނެ ކަމަށާއި މާލެ ސަރަހައްދުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.