ޚަބަރު

ފުރަތަމަދުވަހު ވެކްސިން ޖެހި މީހުންގެ އަދަދު ދުއިސައްތައިން މަތީގައި


ރާއްޖޭގެ ކޯވިޑް ވެކެސިން ދޭން ފެށި ފުރަތަމަ ދުވަހު 282 މީހަކަށް ވެކްސިން ދީފައިވާކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ކޯވިޑް ވެކްސިން ހާއްސަ ޕްރޮގްރާމް ފެށީ މާލޭގެ އިތުރުން އައްޑޫ ސިޓިއާއި ކުޅުދުށްފުށި ސިޓީގައެވެ.

ކޯވިޑުން ރައްކާތެރިވުމަށް އިންޑިއާއިން ރާއްޖެއަށް ހާދިޔާކުރި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ރާއްޖޭގެ ފުރަތަމަ މި ވެކްސިން ޖެއްސެވީ ހުޅުމާލެ މެޑިކަލް ފެސިލިޓީއާއި ހަވާލުވެޑައިގެން ހުންނެވި އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. ޝިރާނީ އަބްދުއްރަހީމްއެވެ. އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދައުލަތުގެ އަނެއް ދެ ބާރުގެ އެންމެ އިސްވެރިންވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ވެކްސިންގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީއާއި ކުޅުދުށްފުށީ ސިޓީގައި ކޮންމެ ސިޓީއަކުން 30 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ވެކްސިން ޕްރޮގްރާމް ފައްޓަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަމަހުގެ ތެރޭގައި ރާއްޖޭގައި މި ވެކްސިން ޖަހަންޖެހޭ އާބާދީއަށް އެއްކޮށް ވެކްސިން ދީ މި ބަލިން އަރައިގަތުންކަމަށެވެ.

އޮކްސްޕާޑް ޔުނިވާސިޓީއާއި އެސްޓްރެޒެނަކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ގެނައީ މިދިޔަމަހުގެ 20 ވަނަދުވަހުއެވެ. ހެލެތް މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވެކްސިން ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށެވެ. މިގޮތުން ޑަބްލިއު އެޗް އޯއިން ހަދިޔާ ކުރާ ވެކްސިން ޝިޕްމެންޓް މިމަހުގެ މެދެއްހާ ހިސާބު ރާއްޖެއަށް ލިބޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ގަތުމަށް ފައިސާ ދައްކާފައިވާ 7 ލައްކަ ޑޯޒްވެސް އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށާއި ފައިޒަރ ވެކްސިންވެސް ރާއްޖެއަށް ގެންނާނެކަންވެސް މިނިސްޓަރ ނަސީމް ވަނީ ހާމަކުރައްވާފައެވެ.

ވެކްސިން ފެށުމުގެ ގޮތުން ފުރަތަމަ ދުވަހު ވެކްސިން ދީފައިވާ މީހުންގެ ތެރޭގައި ޕްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އޮފިޝަލުންނާއި ކެއަރ ވޯކަރުން ހިމެނއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފެށުމުން ޑޮކްޓަރުންވަނީ އެކަން އުފަލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ވެކެސްިން ޖެހުމަށް ވީ އެންމެ އަވަހަށް ރަޖިސްޓްރީވުމަށްވެސް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.