ޚަބަރު

ކޯވިޑް ކޭސްތައް އިތުރުވާތީ ޚިދުމަތްދޭ ތަންތަން ބަލާފާސްކުރަނީ


ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އަނެއްކާވެސް މާސް އިންސްޕެކްޝަނެއް ފެށުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން ނިންމާފިއެވެ. ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަހަށްފަހު މިއަދު އެ އަދަދުވަނީ 200 އިން މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން އާއްމުކުރި އިއުލާނެއްގައި ވަނީ މިދުވަސްވަރު މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރަމުންދާކަން ދެނެގަތުމަށް އާންމު ޚިދުމަތްދޭ ތަންތަން ބަލާފާސްކުރުމަށް ނިންމާފައިވާކަމަށެވެ. މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތަކާއި މާރުކޭޓުތައް ފަދަ އާއްމު ޚިދުމަތްދޭ ހުރިހާ ތަނެއް ބަލާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓެކްސީ، ލޮރީ، ޕިކަޕް އަދި ޕްރައިވެޓް ހަޔަރ ފަދަ އުޅަނދުތައްވެސް ބަލާ ފާސްކުރާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މި އިންސްޕެކްޝަން ކުރިއަށްދާނީ އެ އެޖެންސީއާއި ، ފުލުހުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން މާލޭ ސަރަޙައްދުގައިކަމަށެވެ. ކޯވިޑުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ މާމޭ ސަރަހައްދުން ފެންނަ ކޭސްތައް އިތުރުވާން ފެށުމުން ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ދިން ބައެއް ލުއިތަކަށް ބަދަލު ގެނެސް މާލޭ ސަރަހައްދުގައި ރޭގަނޑު އަނެއްކާވެސް މިވަނީ ކާފިއު އިއުލާންކޮށްފައެވެ. މިގޮތުން ދަންވަރު ބާރައިން ފެށިގެން ފަތިހު ހަތަރަކަށް މަގުމަތީގައި އުޅުންވަނީ މަނާކޮށްފައެވެ. އަދި ހޮޓާ ރެސްޓޯރަންޓްތައްވެސް ރޭގަނޑު 11:30 ގައި ބަންދުކުރަން ޖެހެއެވެ. މީގެއިތުރުން މާލޭ ސަރަހައްދުގައި މާސްކު ނާޅާ އުޅޭ ފަރާތްތަކަށް ނަސޭހަތް ދިނުމަކާ ނުލާ ޖޫރިމަނާކުރާނެކަމުގެ އިންޒާރުވެސް ފުލުހުންވަނީ ދެއްވާފައެވެ.

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 16،000 މައްޗަށް އަރާފައެވެ. އަދި މި ބަލީގައި 1807 މީހުން ފަރުވާ ހޯދަމުން އަންނައިރު 184 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑިމެޓްކޮށްގެންނެވެ. މި ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 52 އަރާފައެވެ.