ޚަބަރު

ކޯވިޑް-19 : ހުޅުމާލޭ ޖަލުން ގައިދީއަކު ޕޮޒިޓިވްވެއްޖެ


ހުޅުމާލޭ ޖަލުން ކޯވިޑް 19އަށް ގައިދީއަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ޖަލު ލޮކްޑައުންކޮށްފިއެވެ.

މޯލްޑިވްސް ކަރަކްޝަނަލް ސަރވިސްއިން ވިދާޅުވީ ހުޅުމާލެ ޖަލުން ޕޮޒިޓިވްވެފައިވަނީ އުމުރުން 56 އަހަރުގެ ގައިދީއެއްކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީން ފެސިލިޓީ އަށް ވަނީ ބަދަލުކޮށްފައެވެ.

ކަރަކެޝަނުން ވިދާޅުވީ ގައިދީއަކު ޕޮޒިޓިވްވުމުން ޖަލު ލޮކްޑައުންކުރުމަށްފަހު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކަރަކްޝަނުން ވިދާޅުވީ މީގެ ކުރިންވެސް ހުޅުމާލެ ޖަލުން 6 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ޕޮޒިޓިވްވެފައިވަނީ މިދިޔަ އޯގަސްޓަމަހު އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ރާއްޖެ އެތެރެވެފައިވާ 5 ބިދޭސީންންކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ. އަދި އެ ބިދޭސީންނާ ކޮންޓެކްޓްވި އެހެން ގައިދީއަކުވެސް ޕޮޒިޓިވްވިކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ. ކަރެކްޝަނުން ވިދާޅުވީ މާލޭގައި ހުންނަ ޖަލުންވެސް ޕޮޒިޓިވް ކޭސްތަކެއް މީގެ ކުރިން ފެނިފައިވާކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އަދަދުތައް ދަށަށް ޖެހިލުމަށްފަހު އަނެއްކާވެސް އަދަދުތައް މިވަނީ 200 އަށްވުރެ މައްޗަށް އަރާފައެވެ. އެގޮތުން އެޗްޕީއޭއިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 215 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 16000 އިން މައްޗަށް އަރާފައެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް އަނެއްކާވެސް ވަނީ ވަރުގަދަކޮށްފައެވެ. އަދި ބައްޔާ ދެކޮޅަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭގައި ވަނީ ކޯވިޑް ވެކްސިންވެސް ޖަހަން ފަށާފައެވެ.