ޚަބަރު

އަންހެން ސިފައިންނާއެކު ރައީސަށް ތާރީޚީ އޮނާ ގާޑެއް


އަންހެނުންނަކީ ތަފާތު އެކި ފެންވަރުގެ މަސައްކަތްތައް ކުރެވޭ ބައެއްކަން ކޮންމެ ދުވަހަކުވެސް މިދަނީ ފެންނަމުންނެވެ. ސިޔާސީ މަޤާމުތަކާއި ސަރުކާރުގެ އެކި މަޤާމުތަކުގެ އިތުރަށް އަންހެނުންނަށް ނުކުރެވޭނެއޭ ބުނާ އެތަކެއް މަސައްކަތްތަކެއް ކުރެވޭނެކަން މިދަނީ ދައްކުވައިދެމުންނެވެ.

އެގޮތުން ދިވެހި އަންހެނުން މިވަނީ އަނެއްކާވެސް މިފަދަ ޚާއްސަ ކަމެއް ދައްކުވައިދީފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގަތުމުގެ ކުރިން ސިފައިންގެ ފަރާތުން އެރުވި އޮނާ ގާޑް އެރުވުމުގައި ސިފައިންގެ އަންހެން ކަނބަލުންތަކެއް ވަނީ ބައިވެރިވެފައެވެ.. މިކަން ވެގެން ދިޔައީ އެ ޚާއްސަ ޖަލްސާއަށް ތާރީޚީ އިތުރު ފުރިހަމަކަމެއް ގެނުވައިދިންކަމަކަށެވެ.

އެގޮތުން މިއަދު ރައީސަށް އެރުވި އޮނަ ގާޑަކީ ސިފައިންގެ ތާރީޚުގައި އެންމެ ގިނަ އަންހެން ސިފައިން ބައިވެރިވި އޮނާގާޑެވެ. މިއޮނާ ގާޑުގައި 17 އަންހެން ސިފައިން ބައިވެރިވެފައިވެއެވެ.

ސިފައިންގެ އެކި ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުވަމުން އަންނައިރު މިދިޔަ މަހު ވަނީ ދިވެހި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިން ރޭންކްކޮށްފައެވެ. މި ރޭންކަށް 3 އަންހެން ސިފައިން ވަނީ ޕްރޮމޯޓްވެފައެވެ. މިއީ މޭޖަރ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކްގެ ކުރިއެރުން، ދިވެހި އަންހެން ސިފައިންނަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި ދިވެހި ސިފައިންގެ ތާރީޚުގައިވެސް، އަންހެނުންގެ އަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް މިފަދަ މަތީ ރޭންކަކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިދިޔަ އަހަރުވަނީ ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑްގައިވެސް ފުރަތަމަފަހަރަށް އަންހެން ފުލުހަކު ބައިވެރިވެފައެވެ.

މިންތީގެ ތަފާތުކުރުންތައް ނައްތާލުމާ، މުޖުތަމަޢުގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުންދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ، މި މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ޚާއްސަކޮށް ޤައުމީ ކަންކަމުގައި ގޮތް ނިންމުމުގައި، އަންހެނުންގެ ޚިޔާލު ހިމެނިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.